މި ހިނގާ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުލިބި ހުރި ފައިސާގެ ތެރެއިން 3.48 ބިލިޔަން ރުފިޔާ އެ އިދާރާއިން ހޯދައިފިއެވެ.
މީރާއިން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ދެ ކުއާޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނުލިބިހުރި ފައިސާގެ ބޮޑުބައެއް ހޯދާފައިވަނީ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ. އެގޮތުން އަހަރުގެ ފުރަތަމަ ކުއާޓަރުގައި 2.09 ބިލިޔަން ރުފިޔާ ހޯދާފައިވާއިރު، ދެވަނަ ކުއާޓަރުގައި ހޯދާފައިވަނީ 1.39 ބިލިޔަން ރުފިޔާއެވެ.
ދައުލަތަށް ލިބެންޖެހޭ ޓެކްސް އަދި ޓެކްސް ނޫން އާމްދަނީގެ ތެރެއިން މުއްދަތު ހަމަވިއިރުވެސް ނުލިބިހުރި ފައިސާ ހޯދުމަށް މީރާއިން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ޤަވާއިދުން އަންގަންޖެހޭ އެންގުންތައް އަންގައި، މީރާއަށް އާމްދަނީ ހޯދުމުގެ މަސައްކަތްތައް މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާކޮށް ވަރުގަދަކޮށްފައެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނުލިބިހުރި ފައިސާގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދިފައިވަނީ ޑަނިން ނުވަތަ ފައިސާ ދެއްކުމަށް އެދި ފޮނުވާ ނޯޓިސް ފޮނުވައިގެންނެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި، ޤަވާއިދުން ޓެކްސް ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމަށް ސަރުކާރުންނާއި މީރާއިން އަންނަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.