ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި އަޅާ ހުވަންޏާއި، ކޫޑިފަދަ ސޫފާސޫފި (ޕެސްޓު) ކޮންޓްރޯލްކޮށް، ދަނޑުވެރިކަން އިތުރަށް ކުރިއެރުވުމުގެ މަޤްޞަދުގައި، ބޮޑެތި ގަސްތަކަށް ބޭސްޖަހާ 25 ސްޕްރޭޔަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޮނުވައިފިއެވެ. މި ސްޕްރޭޔަރުތަކަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި، ޗައިނާގެ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އަދި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސްއާ ދެމެދު 6 އޮގަސްޓު 2024 ގައި ސޮއިކުރެވުނު ފަހުމުނާމާ (އެމްއޯޔޫ) ގެ ދަށުން ރާއްޖެއަށް ލިބުނު ތަކެއްޗެވެ. މި އެމްއޯޔޫގެ ދަށުން 25 ސްޕްރޭޔަރުގެ އިތުރުން، 100,000 ޔުއާންގެ ހިލޭ އެހީވެސް ރާއްޖެއަށް ވަނީ ލިބިފައެވެ. މި ޕްރޮގުރާމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މި ތަކެތި ފޮނުވާފައިވާއިރު، ސްޕްރޭޔަރުތައް ޙަވާލުކުރެވިފައިވަނީ: ހއ. ދިއްދޫ ހދ. ކުޅުދުއްފުށި ށ. ފުނަދޫ ނ. މަނަދޫ ރ. އުނގޫފާރު ބ. އޭދަފުށި ޅ. ނައިފަރު ކ. ތުލުސްދޫ އއ. ރަސްދޫ އދ. މަހިބަދޫ ވ. ފެލިދޫ މ. މުލި ފ. ނިލަންދޫ ދ. ކުޑަހުވަދޫ ތ. ވޭމަންޑޫ ލ. ފޮނަދޫ ގއ. ވިލިނގިލި ގދ. ތިނަދޫ ޏ. ފުވައްމުލައް ސ. ހިތަދޫ މި ޕްރޮގުރާމުގެ ދަށުން ހަވާލުކުރެވޭ ސްޕްރޭޔަރު، އެ ސިޓީ ކައުންސިލެއް ނުވަތަ އަތޮޅު ކައުންސިލް/އޮފީހެއް ނިސްބަތްވާ އަތޮޅުގެ އެހެން ރަށެއްގައި ބޭނުންވެއްޖެ ޙާލަތެއްގައި، އެ ރަށަކަށް ސްޕްރޭޔަރު ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ ކަމާބެހޭ ސިޓީ ކައުންސިލް ނުވަތަ އަތޮޅު އިދާރާގެ ޒިންމާއެކެވެ. މި އެހީގެ ސަބަބުން ރަށްރަށުގައި ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ޕެސްޓު ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބި، ދަނޑުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.