ގިނަ ކައިވެނިތައް ރޫޅެނީ އަނެކާއަށް ކޮށްދޭންޖެހޭ ޚިދުމަތް ކޮށްނުދެވިގެނެއް ނޫން! އަނެކާގެ ކިބައިން ސަމާލުކަން ބޭނުންވާ ވަޤުތު ސަމާލުކަން ނުދެވޭތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ގިނަ ކައިވެނިތައް ރޫޅެނީ އަނެކާއަށް ކޮށްދޭންޖެހޭ ޚިދުމަތް ކޮށްނުދެވިގެނެއް ނޫން! އަނެކާގެ ކިބައިން ސަމާލުކަން ބޭނުންވާ ވަޤުތު ސަމާލުކަން ނުދެވޭތީ!

ކޮންމެ ކަމަކަށްވެސް އެންމެ މުހިންމު އެއްކަމަކީ ވަޤުތެވެ. މާނައަކީ އެކަމެއް ކުރުމުގެ ވަޤުތުގައި އެކަމެއް ކުރުމެވެ. އެވަޤުތު ފާއިތުވެއްޖެނަމަ އެކަން ވެފައި އޮންނާނީ ފޫވެސް ނުބެއްދޭވަރުގެ ކަމަކަށެވެ. އެހެންކަމާއިއެކުވެސް އެކަމަށް ސަމާލުކަން ދެވެނީ މަދުމީހަކަށެވެ.  

ގިނަ ކައިވެނިތަކަށް ބަލައިފިނަމަ ކައިވެނި ރޫޅެނީ އަނެކާއަށް ކޮށްދޭންޖެހޭ ޚިދުމަތް ކޮށްނުދެވިގެނެއް ނޫނެވެ. އަނެކާގެ ކިބައިން ބައިވެރިޔާއަށް ސަމާލުކަން ބޭނުންވާ ވަޤުތު ސަމާލުކަން ނުދެވޭތީއެވެ. އެކަމުގެ ސަބަބުން އުފެދޭ މާޔޫސްކަމުގެތެރޭގައެވެ.  

ގިނަ ފަހަރު ކަންބޮޑުވާންޖެހޭ ޙާލަތެއް ކުރިމަތިވެއްޖެނަމަ ބައިވެރިޔާއާއި އިތުރަށް ގާތްވަން މަސައްކަތްކުރާނެއެވެ. އެފަދަ ވަޤުތުތަކުގައި ގާތްވަން މަސައްކަތްކުރަންޖެހޭނެއެވެ. އެގޮތަށް މަސައްކަތް ނުކޮށްފިނަމަ އެކަންވާނީ ދެމީހުންގެ މެދުގައި ގާތްކަން އިތުރުކުރަން ލިބުނު ފުރުޞަތު ނަގައިލުން ފަދަ ކަމަކަށެވެ. އަދި ގިނަ ފަހަރު އޮންނަނީ އެފުރުޞަތު އަނބުރައި ނުވެސް ހޯދިފައެވެ.  

ކުރިން ބުނިފަދަ ނުތަނަވަސްކަމެއް ލިބިއްޖެނަމަ ހެޔޮލަފާ ބައިވެރިން ފުރަތަމަ މަސައްކަތްކުރާނީ ބައިވެރިޔާގެ އެހީތެރިކަން ހޯދުމަށެވެ. އެހީތެރިކަން ބައިވެރިޔާގެ ކިބައިން ނުލިބިއްޖެނަމަ ގިނަ ފަހަރު އެހެން މީހެއްގެ ކިބައިން ނަމަވެސް އެހީތެރިކަން ހޯދާނެއެވެ.  

ބައެއް ފިރިންނަށް ވިސްނެނީ އަނބިމީހާއަށް ޚަރަދުކުރާނަމަ ހުރިހާ ކަމެއް ކޮށްދެވުނީކަމަށެވެ. ބައެއް އަނބިންނަށް ވިސްނެނީ ފިރިމީހާއަށް މީރުކޮށް ކައްކައިދީ އަދި އެހެންވެސް ޚިދުމަތް ކުރާނަމަ އެއޮތީ ހުރިހާ ކަމެއް ކޮށްދެވިފައި ކަމަށެވެ. މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ.  

ފައިސާގެ ދަހިވެތިކަމުގައި ނުވަތަ ތަނަވަސްކަމުގެ ބޭނުމުގައި ކައިވެނިކޮށްގެން އުޅޭނަމަ ސަމާލުކަން ހުންނާނީ ހަމައެކަނި އެކަންކަމަށެވެ. ނަމަވެސް ނިޞްބަތުން އެއީ މަދުބައެކެވެ. ގިނަ މީހުން ކައިވެނިކޮށްގެން އުޅެނީ އަނެކާގެ ކިބައިން އަޅައިލުމާއި އެހީތެރިކަމަށް ބޭނުންވެގެންނެވެ. އެކަންކަން އެންމެ ބޮޑަށް ބޭނުންވާނީ ފިކުރުކުރަންޖެހޭ ފަދަ ކަންކަން މެދުވެރިވުމުންނެވެ.  

ވީމާ އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނެ އެއްކަމަކީ ބައިވެރިޔާ އަށް ކުރިމަތިވާ މިބަޔާންކުރި ޙާލަތްތަކުގައި އަޅާލައި އެހީތެރިވުމެވެ. އޭނާއަށް ހިތްވަރުދީ ހިތްހަމަޖައްސައިދިނުމެވެ. ނޫންނަމަ ބައިވެރިއަކު ހުރިކަމުގެ އިޙްޞާޞެއް އޭނާއަކަށް ނުކުރެވޭނެއެވެ.

 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން