ފިރިމީހާގެ ހުއްދަނެތި އެއްވެސް ކަމެއް ނުކުރަން އަމުރުކުރީމާ ނުކައިތިބެންޖެހުނު ދެމަފިރިއެއްގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ފިރިމީހާގެ ހުއްދަނެތި އެއްވެސް ކަމެއް ނުކުރަން އަމުރުކުރީމާ ނުކައިތިބެންޖެހުނު ދެމަފިރިއެއްގެ ވާހަކަ!

އެއްރޭ ޢިޝާނަމާދުން ފޭބިތަނާހެން އެކުވެރިއަކު އެދިގެން އޭނާގެ ދަރިފުޅާއި ދަރިފުޅުގެ އަނބިމިހާ ދިރިއުޅޭ ފްލެޓަށް ދިއައިމެވެ. ދެމީހުން ތިބީ ދެ ސޯފާގައެވެ. މޫނުމަތިން ފެންނަނީ ރުޅިވެރިކަމެއް ނޫނެވެ. ގޮތްހުސްވެފައިވާ ކަމެވެ.  

އަހުރެމެން ދެމީހުން ވަދެ އިށީނދެފައި އެކުވެރިޔާ އޭނާގެ ޅީދަރިފުޅުގެ ގާތުން އެދުނީ ބޯނެ ފެންފޮދަކަށެވެ. ޅީދަރިފުޅު ވަރަށް ދެރަވެފައި ބުންޏެވެ. "ލޯބިވާ ބައްޕާއެވެ! ކޮށްދޭން ކިތަންމެ ބޭނުން ނަމަވެސް ތިއަކަންތައްވެސް ކޮށްދެވެން އޮތީ ފިރިމީހާގެ ހުއްދަ ލިބިގެންނެވެ." 

އެއީ ކީއްވެގެންތޯ؟ ބައްޕަ ސުވާލުކުރުމުން ބުނީ ފިރިމީހާ ހުއްދަ ދިނީމާ ނޫނީ އެއްވެސް ކަމެއް ނުކުރަން އަމުރުކޮށްފައިވާތީ މިއަދު ނުވެސް ކައްކަމެވެ. ދެމީހުންވެސް މިތިބީ ނުކައެވެ. ބަނޑުހައިވީމާ މިހާރު އެބުނަނީ އެގޮތަށް އަމުރުކުރިނަމަވެސް އަޅުގަނޑުގެ ވާޖިބު އަދާކުރަން ޖެހޭނެ ކަމަށެވެ. އެބުނާ ވާޖިބެއް ނުއެނގެއެވެ. އެއަމުރުކުރީ ކާން ބޭނުންވާ ތަކެތި ގަނެ ކައްކައިގެން އައިރުޅިންނެވެ. 

ފިރިމީހާ ވަރަށް ދެރަވެފައި ބުނީ އެއީ މާގިނަ ބާވަތްތައް ކައްކާފައި ހުރީމާ އައި ރުޅިން ބުނެވުނު ބަހެއް ކަމަށެވެ. އަނބިމީހާ ބުނީ ކެއްކީ ޢާންމުކޮށް ކައްކާ ވަރަށް ކަމަށެވެ. އަދި ކުރިންވެސް ހަދާ ގޮތަކީ އެއްޗެއް ގިނަވެއްޖެނަމަ ފްރިޖަށް ލައިގެން ފަހުން ބޭނުން ކުރުމެވެ. ދުވަހަކުވެސް އެއްވެސް އެއްޗެއް އިޝްރާފެއް ނުކުރަމެވެ.   

އެހިސާބުން ބައްޕަ ތެދުވެގެން ގޮސް ފްރިޖުން ފެންފުޅިއަކާއި 2 ތަށި ގެނެސް އަހަރެމެން ފެންބުއީއެވެ.  

އަހުރެން ބުނީމެވެ. "މިއުޅެނީ ބުނެވުނު ބަހެއްގެ މައްސަލައެކެވެ. އެއީ ކުށް ބަހެކެވެ. ބުނެގެން ނުވާނެ ބަހެކެވެ. ވީމާ ފުރަތަމަ ކަމަކަށް އެބަސް އަނބުރައިގެންދާށެވެ. އަނބިމީހާގެ ކިބައިން މާފަށްވެސް އެދޭށެވެ. ދެން ދައްކަންހުރި ވާހަކަ ދެއްކޭނީ ކޮންމެވެސް އެއްޗެއް ދެމީހުންވެސް ކައި ހަމަޖެހިގެން ތިބެއެވެ.  

އެޒުވާނާ ކުށް ޤަބޫލުކޮށް އަނބިމީހާގެ ކިބައިން މާފަށް އެދޭއިރަށް އަނބިމީހާ ބަދިގެއަށްވަދެ 15 ވަރަކަށް މިނިޓް ތެރޭގައި 4 މީހުންނަށް ކެއުން ތައްޔާރުކުރުމުން އެކުގައި ކައިނިމިގެން ބުނީމެވެ.  

"ތިއައީ ވަރަށް ޒުވާން ދެމަފިރިންނެވެ. ހިތްހަމަނުޖެހޭ ކަންކަންވެސް ކުރިމަތިވާނެއެވެ. ދެމީހުންނަށްވެސް ކުށްކުރެވޭނެއެވެ. އަނބިމީހާ އެބުނާ ގޮތުން މިފަހަރު އޭނާއެކުރީ ކުށެއް ނޫނެވެ. އެކަމަކު ކުށް ކުރެވޭ ފަހަރުވެސް އަންނާނެއެވެ. ދެމަފިރިންކުރެ ކޮންމެ މީހަކަށް ކުށެއް ކުރެވުނަސް ހަރުކަށި ބަސްތައް ނުބުނާށެވެ. ގަދަފަދަ އަމުރުތައް ނުކުރާށެވެ. ލޯބިން ވާހަކަ ދައްކާށެވެ. ލޯބިން ވާހަކަ ދެއްކުމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެކެވެ."  

އެއިގެ ދެތިން މަސް ފަހުން އެޢިމާރާތަށް ދެވުނު ރެއަކު އެދެމަފިރިންނަށް ޒިޔާރަތްކުރީމެވެ. ދިރިއުޅެމުން އަންނަނީ ވަރަށް އުފަލުގައެވެ. ލޯބިންނެވެ. އެކަމަށް އުފާކޮށް އެގޮތުގައި ކުރިއަށްދާން ހިތްވަރުދިނީމެވެ. ދެމަފިރިންނަށްޓަކައި ހެޔޮދުޢާކޮށްދިނީމެވެ.  

އަހުރެންގެ ނަޞީޙަތަކީ ހަމަކުރިންވެސް މިދިން ނަޞީޙަތެވެ. ކަމެއް ދިމާވާއިރަށް ރުޅިއައިސް ހަރުކަށި ޢިބާރާތުން ބަސްބުނެ ވަރުގަދަ އަމުރުތައް ނުކުރާށެވެ. ޞުލްޙައިގައި ވާހަކަދައްކާށެވެ! ރުޅިއައިސްގެން ހުންނައިރު އެކުގައި ހުންނާނީ ޝައިޠޯނާއެވެ. ރިވެތި އަޚްލާޤްގެ މަތީގައި ހުންނައިރު ކައިރީގައި ތިއްބަވާނީ މަލާއިކަތުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން