ބޭވަފާތެރިނުވިޔަސް ތިމާއާއެކުގަ އުޅެން ބޭނުންނުވާ ބައިވެރިއަކު ހިފަހައްޓަން އުޅުމުން ލިބޭނީ ދެރައާ ހިތްދަތިކަން! ފައިދާކުރާނީ އައުޙަޔާތެއް ފެށުމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ބޭވަފާތެރިނުވިޔަސް ތިމާއާއެކުގަ އުޅެން ބޭނުންނުވާ ބައިވެރިއަކު ހިފަހައްޓަން އުޅުމުން ލިބޭނީ ދެރައާ ހިތްދަތިކަން! ފައިދާކުރާނީ އައުޙަޔާތެއް ފެށުމުން!

ވަފާތެރިން މަދުވުމުން ވަފާތެރި ބައިވެރިޔާ އާއިއެކު އުޅެން ގިނަ ބައަކު ބޭނުންވާނެއެވެ. އަދި އެކުގައި އުޅެން ބޭނުންނުވެ ވަކިވާން ބޭނުންވާ އެންމެންނަކީ ބޭވަފާތެރިންނެއްވެސް ނޫނެވެ. މިބުނަނީ އެމީހުންނަކީ ޚިޔާނާތްތެރިން ނޫންވާހަކައެވެ. ކޮންމެއަކަސް އެކުގައި އުޅެން ބޭނުންނުވާނީ ކޮންމެވެސް ސަބަބުތަކެއް ކުރިމަތިވުމުންނެވެ. އެއީ ކޮންމެ މީހަކަށްވެސް މެދުވެރިވެދާނެ ކަމެކެވެ.  

ޒަވާޖީ ޙަޔާތުގައި މައްސަލައެއް ޖެހޭއިރަށް ކައިވެނި ރޫޅައިލުމެއް ނެތެވެ. ކައިވެނި ރޫޅައިލަންވާނީ އެކަން ނުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށްފަހުގައެވެ. ދެން އެހެން ގޮތެއް ނެތުމުންނެވެ. އެކުގައި ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނުފެނިއްޖެނަމައެވެ.  

އެކުގައި ކުރިއަށް ދެވޭނެ އެއްވެސް މަގެއް ނުފެނިއްޖެނަމަ އޮތީ އަވަހަށް ވަކިވުމެވެ. ވަކިވާން ބޭނުންވާ މީހާ ވަކިވެގެން ދިއުމަށް ފުރުޞަތު ދިނުމެވެ. ކަންބޮޑުނުވާށެވެ. އެގުޅުމުގައި އެއްވެސް ފައިދާއެއް ހުރިނަމަ އެމީހަކު އެނބުރި އަންނާނެއެވެ. އެނބުރި ނުއަތުވެއްޖެނަމަ ﷲ ތަޢާލާއަށް ވަކީލުކުރާށެވެ. ދެވަނަ މަގެއް ހޯދައިގެން ދިރިއުޅުމާއިގެން ކުރިއަށްދާން މަސައްކަތްކުރާށެވެ.  

ކިތަންމެ ހެޔޮލަފާ އަންތބަކުވެސް ވަކިވާން ބޭނުންވެދާނެއެވެ. ލޯބިނުވާން ފަށައިފިނަމަ އެކުގައި އުޅެން ބޭނުން ނުވެދާނެއެވެ. އަދި ކިތަންމެ ހެޔޮލަފާ ފިރިއަކުވެސް ކައިވެނި ރޫޅައިލަން ބޭނުންވެދާނެއެވެ. މިއީ ހަމަ ޞަޙާބީންގެ މެދުގައިވެސް ކުރިމަތިވެފައި ހުރި މައްސަލަތަކެވެ. ވީމާ އެއްވެސް މީހަކު ކުށްވެރިކުރަން ނުހަދާށެވެ.  

އަނެކާ ކުށްވެރިކުރަންވާނީ ކައިވެނީގައި ހުރެ މަކަރުހަދާނަމައެވެ. އޮޅުވާލައިގެން ކަންކަންކުރާނަމައެވެ. ބޭވަފާތެރިވާނަމައެވެ. އަނިޔާވެރިވާނަމައެވެ. މިއިން އެއްވެސް ކަމަކީ މުސްލިމުންނަށް ހުއްދަ ކަންކަމެއް ނޫނެވެ. ވީމާ ކުރާ ކޮންމެ ކަމެއްވެސް ކުރަންވާނީ، އަދި ދިރިއުޅުމަށް ގެންނަ ކޮންމެ ބަދަލެއްވެސް ގެންނަންވާނީ ތެދުވެރިކަމާއިއެކުގައެވެ. މުސްލިމުންގެ ގޮތަކީ އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން