ބައްޔާއި މަރަކީ ތަފާތު ދެކަމެއް! ނޭވާލެވޭހައި ހިނދަކު މާޔޫސްވެގެން ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 56ސ
ބައްޔާއި މަރަކީ ތަފާތު ދެކަމެއް! ނޭވާލެވޭހައި ހިނދަކު މާޔޫސްވެގެން ނުވާނެ!

އަޅުގަނޑުގެ ބައްޕަގެ ފުއްޕާމެއަށް ސީރިޔަސް މައްސަލަތަކެއް ކުރިމަތިވެފަވާކަން އެނގުނު ވަޤުތުން ފެށިގެން ބައްޕަވަނީ ދިރިހުރުންމަތިން އުންމީދުކަނޑާލައިފައެވެ. އުޅެނީ ބޭސްވެސް ނުކާށެވެ. މިއީ ހުއްދަ ގޮތެއްތޯ؟  

ޖަވާބަކީ ކާންޖެހޭ ބޭސްނުކެއުމަކީ އަމިއްލަހަށިގަނޑަށް ދެވޭ އަނިޔާއެކެވެ. އެމީހެއްގެ ނަފްސަށް އަނިޔާ ދިނުމަކީ ޙަރާމްކަމެކެވެ. ދެން އޮތީ މާޔޫސްވެ އުންމީދު ކަނޑައިލުމެވެ. އެއީވެސް މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. ތިރީގައިވާ ލިޔުމުން ބައްޕައަށް ހިތްވަރުދެއްވާށެވެ!  

ބައެއް މީހުން އެންމެ ބޮޑަށް މާޔޫސްވާ އެއްކަމަކީ ބަލިޙާލެއްގައި ގިނަ ދުވަސްތަކެއްވަންދެން އުޅެން ޖެހުމެވެ. ޝިފާ ނުލިބި ލަސްވުމެވެ. އަދި ބައެއް ޙާލަތުގައި ޑޮކްޓަރުންވެސް އުންމީދު ކަނޑާލުމެވެ.

އިންސާނުންކަމަށްވީތީ މިޙާލަތުގައި ދެރަވާނެއެވެ. އަސަރުވެސްކުރާނެއެވެ. ނަމަވެސް މުސްލިމުން އެއްވެސް ޙާލަތެއްގައި ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑާލައިގެން ނުވާނެއެވެ. އަދި އަވަހަށް މަރުވުމަށް އެދިގެންވެސް ނުވާނެއެވެ. އަވަހަށް މަރުވާން އެދުމަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާކުރައްވަވާފައިވާ ކަމެކެވެ.  

ތިމާ ނާއުންމީދުވުމުގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ޑޮކްޓަރުން އުންމީދު ކަނޑައިލި އެތައް ބައަކަށް ވަނީ ޝިފާ ލިބިފައެވެ. ގަދަވެގެން ދުނިޔޭގައި އުޅެފައެވެ. އަދި މިހާރުވެސް އެފަދަ އެތައް ހާސްބައަކު ދުނިޔޭގައި އެދަނީ އުލެމުންނެވެ.  

ތިރީގައިވާ ލިޔުމުން ޢިބްރަތް ޙާޞިލުކުރައްވާށެވެ!  

އެއްވެސް މީހެއްގެ ފުރާނަ ސަލާމަތްކުރުމަކީ ޑޮކްޓަރުންނަށްވެސް ކުރެވޭ ކަމެއް ނޫނެވެ. ޑޮކްޓަރުންނަށް ލިބިފައިވާ ޢިލްމުގެ ބޭނުންކޮށްގެން ކުރެވެނީ މަސައްކަތެވެ. ޢުމުރު ދިގުކުރެއްވެވުމާއި ފުރާނަ ގެންދެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ.  

މީގެ 5 އަހަރުކުރިން ދުނިޔޭގެ ސަމާލުކަމަށް އައި މިފަދަ އެއް މައްސަލައަކީ އިނގިރޭސިވިލާތުގެ ކުޑަކުއްޖެއްކަމަށްވާ އުމުރުން 14 އަހަރުގެ ރޮބަރޓް ބްރިނަންގެ މައްސަލައެވެ. އެއިރު އޭނާގެ މައްސަލަ ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށްވެސް އައެވެ.  

އޭނާ ހޮސްޕިޓަލަށް ގެންދެވުނީ އާދައިގެ ރޯގާއެއްގެ އަލާމާތްތައް ފެނިގެންނެވެ. ޓެސްޓްތަކުން ފެނުނީ ސްވައިން ފްލޫ ޖެހި އެތެރެހަށީގެ ގުނަވަނަތްކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.  

17 ދުވަސް ވަންދެން ޑޮކްޓަރުން ވަނީ ރޮބަރޓް ހޭ ނުއަރުވައި ލައިފް ސަޕޯޓިންގ މެޝިންގައި ބާއްވައިފައެވެ.  

އައިސީޔޫގައި އޮވެ ފަރުވާ ހޯދަމުންދިއައިރު އެއްވެސް އުންމީދެއް ނެތުމުން އޭނާގެ މަންމަ ގާތުގައި ބުނީ އެއްވެސް އުންމީދެއް ދެން ނެތް ކަމަށާއި ލައިފް ސަޕޯޓިންގ މެޝިން ކަނޑައިލުމުގެ ހުއްދައަށް އެދޭ ކަމަށެވެ. އަދި ރޮބަރޓް ވެސް މަންމަ ގާތު ބުނީ މެޝިންގައި ބޭއްވުމުގެ ތަކްލީފް ނުއުފުލައި މެޝިން ހުއްޓާލުމަށެވެ. މަރަކީ ކޮންމެވެސް ދުވަހަކުން ވާންޖެހޭނެ އެއްޗެއް ކަމަށެވެ.  

އެއްވެސް އުންމީދެއް ނެތި ދިއަ ރޮބަރޓް ގަދަވެގެން ގެއަށް ގޮސް މިހާރު ސްކޫލަށް ދެއެވެ. ޑޮކްޓަރުން ބުނަނީ މިއީ ބޭސްވެރިކަމުގައި ފެނުނު އެންމެ އާދައާއި ޚިލާފް އެއް ކަންތައް ކަމަށެވެ. އަދި ސިފަކުރަނީ "މެޑިކަލް މިރެކްލް"އެއްގެ ގޮތުގައެވެ.  

ޑޮކްޓަރުން އެންމެ ބޮޑަށް ޙައިރާންވި އެއްކަމަކީ ރޮބަރޓް ގަދަވާން ފެށުމުން އޭނާ ގަދަވިނަމަވެސް ސިކުނޑީގައި މައްސަލަތަކެއް ހުންނާނެކަމަށް ކަނޑައެޅި ކަނޑައެޅުންވެސް ޙަޤީޤަތަކަށް ނުވުމެވެ. އޭނާ ބަލިން ގަދަވިއިރު ޑޮކްޓަރުން ލަފާކުރިވަރަށް އެއްވެސް ނުރަކަލެއް ނެތެވެ.  

ހަމަ އެދުވަސްވަރު އިންޑިއާގައިވެސް މިފަދަ ކަމެއް ހިނގިއެވެ. އެއީ

6 މަހުގެ ކުއްޖަކު މަރުވެއްޖެކަމަށް ޑޮކްޓަރު ބުނުމުން ވަޅުލަން މަސައްކަތް ކުރަނިކޮށް މަރުނުވާކަން އެނގުނެވެ. ޑޮކްޓަރުގެ ބަހަށް ކުއްޖާ ވަޅުލަން އުޅެނިކޮށް މަރުނުވާކަން އެނގުމުން އަލުން ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރު ވަނީ ފިލައިފައެވެ.  

އިންޑިއާގެ ޕަޓްނާގައި ހިނގި މިހާދިސާ އާއި ގުޅިގެން ނޫސްތަކުން ބުނެފައިވަނީ ކުއްޖާ ހޮސްޕިޓަލަށް ގެންދިއައީ ހޫނުގަދަވެ ކުއްޖާގެ ހަރަކާތްތައް ހުއްޓުމުން ކަމަށެވެ. އަދި ކުއްޖާ ވަނީ މަރުވެފައި ކަމަށް ޑޮކްޓަރު ބުނުމުން ވަޅުލަން މަސައްކަތްކުރަނިކޮށް ކުއްޖާ ހަރަކާތްކުރަން ފެށީ ކަމަށެވެ.  

"މަރުނުވާ ކަމަށް ޤަބޫލުކުރެވުމުން އަވަސް އަވަހަށް ކުއްޖާ އަލުން ހޮސްޕިޓަލަށް ގެންދިއައީ. މިހާރު ކުއްޖާގެ ޙާލު ރަނގަޅު." ކަމަށްވެސް ބުނެފައިވެއެވެ. މިކަމުގައި އުޅުނު ބައެއް އަވަށްޓެރިން ބުނެފައިވަނީ އެމީހުންނަކީ ފަޤީރުން ކަމަށްވުމުން އެމީހުންގެ ކަންކަމުގައި ޑޮކްޓަރުން ސަމާލުކަން ނުދެނީ ކަމަށެވެ. "ކިތައް މީހުން މިފަދަ މައްސަލަތަކުގެ ސަބަބުން ދިރިއޮއްވައި ވަޅުލެވިފައިވާނެ؟ ކާކު އަހަރެމެންގެ ހާލު ބަލަނީ؟" 

އެކުއްޖާ ވަޅުލެވުނު ނަމަ އެކުއްޖާގެ ކަންކަން ދުނިޔޭގައި ނިމުނީއެވެ. ނަމަވެސް އެކުއްޖާ ދުނިޔޭގައި އުޅެން ﷲ އިރާދަކުރައްވާފައިވުމުން ސަލާމަތްވެވުނީއެވެ.   

އިންސާނުން ވިސްނާނަމަ މިފަދަ އެތައް ކަންތައްތަކެއް ކޮންމެ ދުވަހަކުވެސް ފެންނާނެއެވެ. ނަމަވެސް ރޫޙާނިއްޔަތާއި ދުރުވެވުނުލެއް ބޮޑުކަމުން ލޮލަށް ދައްކަވާ ކަންކަންވެސް ބަލައިގަންނަން އުނދަގޫވަނީއެވެ.

 

މިއަދު އޮންލައިން