ފާފަކުރެވުމަށްވުރެ ބޮޑުބިރަކީ ތައުބާ ނުވެހުރުން! ލަދުވެތިވާންވީވެސް ބިރުވެތިވާންވީވެސް ތައުބާނުވެ ހުރުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ފާފަކުރެވުމަށްވުރެ ބޮޑުބިރަކީ ތައުބާ ނުވެހުރުން!
ލަދުވެތިވާންވީވެސް ބިރުވެތިވާންވީވެސް ތައުބާނުވެ ހުރުމަށް!

މައްކާގެ ޙަރަމްފުޅުން ނުކުންނެވުމަށްފަހު

ކީރިތިކުރައްވަމުން ޢިލްމްވެރިއަކު ވިދާޅުވިއެވެ. "އަހުރެންނަށް ފާފައެއް ކުރެވިއްޖެއެވެ. ފެނުނު އަންހެނަކަށް ބަލައިގެން ނުވާނެ ވަރަށް ބެލިއްޖެއެވެ. ޔާ ﷲ! މިއަޅާގެ ފާފަ ފުއްސަވައިދެއްވަވާނދޭވެ!"  

ޢިލްމްވެރިޔާގެ މިބަސްފުޅުން އެނގެނީ ކޮންމެ މީހަކަށްވެސް، ކޮންމެ ތަނެއްގައިވެސް އަދި ކޮންމެ ވަޤުތަކުވެސް ފާފައެއް ކުރެވިދާނެކަމެވެ. ފާފަކުރެވުމުން އޮތީ އެކަމަށް ދެރަވެ ހިތާމަކޮށް ތައުބާވުން ކަމެވެ. 

އަބަދުވެސް ބުނާ ފަދައިން ކޮންމެ މީހަކީވެސް ކޮންމެ ވަޤުތަކުވެސް ފާފައެއް ކުރެވިދާނެ މީހެކެވެ. އިންސާނުންނަކީ ފާފަކުރެވޭނެ މީހުންނެވެ. އެކަމުގައި ހަމަ އެކަކުވެސް އިސްތިސްނާއެއް ނުވާނެއެވެ. އެކަންކަން ކީރިތި ޤުރްއާނުންނާއި ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. 

ވީމާ ފާފައެއް ކުރެވުމުން އޮތީ ތައުބާވުމަށް އަވަސްވެގަތުމެވެ. ނުރަނގަޅު އަމަލެއް ކުރެވުމުން އޮތީ އެކަން ޤަބޫލުކޮށް ތަކުރާރު ނުކުރުމެވެ. އަދި އެކަމުގެ ސަބަބުން ގެއްލުން ލިބުނު މީހުންގެ ކިބައިން މާފު އެދުމާއި ބަދަލު ދިނުމެވެ.  

މީސްތަކުންނޭވެ! ކުރެވޭ ފާފައަކާއި ގުޅިގެން ނުވަތަ ނުވަތަ ނުރަނގަޅު ކަމަކާއި ގުޅިގެން މީހަކު ހެޔޮ ބަހެއް ބުނެފި ނަމަ ، ނަޞޭޙަތެއް ދީފި ނަމަ އަވަހަށް އެކަމެއް ބަލައިގަނެ އަމަލުކުރާށެވެ. މިކަން ބަޔާން ކުރައްވައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. 

" ފާފަކުރެވޭ މީހުންނަށްވުރެ ބޮޑަށް ލަދުވެތިވާންޖެހޭނީ ފާފަކުރެވުމުން ތައުބާވާން ފަސްޖެހޭ މީހުންނެވެ! ފާފަކުރެވޭ މީހުންނަށްވުރެ ނުބައިކަން ބޮޑީ އެކަން އިޞްލާޙްކުރަން ފަސްޖެހޭ މީހުންނެވެ. އަދި ހެޔޮ ނަޞޭޙަތް ދިނުމުން މީސްތަކުން އަމަލުކުރާ ގޮތް، އެކަން ބަލައިގަންނަ މިންވަރު އެއީ އެމީހެއްގެ އީމާންތެރިކަން އަނގައިދޭ މިންގަނޑެވެ. ފުރިހަމަ އީމާންތެރިކަމެއް ލިބިގެންވާނަމަ ވަގުތުން ތައުބާވާނެއެވެ. ޢަމަލުތައް އިޞްލާޙްކުރާނެއެވެ."  

ވީމާ ފާފަކުރެވޭ މީހުންނަށްވުރެ ބޮޑަށް ލަދުވެތިވާން ޖެހޭނީވެސް ބިރުގަންނަން ޖެހޭނީ ވެސް އިޞްލާޙްވެ ތައުބާވާން ފަސްޖެހި އެކަމަށް ބޮޑާހާކާ މީހުންނެވެ. ފާފައެއް ކުރެވިދާނެއެވެ. މަސައްކަތް ކުރަންވީ ފާފައެއް ނުކުރުމަށެވެ. އެކަމަށް މަސައްކަތް ކުރަމުން ދަނިކޮށް ނަމަވެސް ފާފައެއް

ކުރެވިއްޖެ ނަމަ ތައުބާވުމަށް އަވަސްވެގަންނާށެވެ!

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން