މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި މަސްވެރިންނަށް 29.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު އެ ކުންފުންޏަށް މަސް ކިރުވި ދޯނިތަކުގެ އަދަދާއި ކިރުވި މަހުގެ ނިސްބަތް ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން ނިމިދިޔަ އޮގަސްޓު މަހު މިފްކޯއަށް މަސް ކިރުވާފައިވަނީ ޖުމްލަ 555 ދޯންޏަކުންނެވެ. މިއީ ޖުލައި މަހު މަސް ކިރުވި 822 ދޯންޏާ އަޅާބަލާއިރު ދަށް އަދަދެކެވެ.
މަސް ކިރުވި ދޯނިތަކުގެ އަދަދު ދަށްވުމާއެކު، ކިރުވި މަހުގެ މިންވަރުވެސް ވަނީ ދަށްވެފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮގަސްޓު މަހު މިފްކޯގެ އެކި ފެސިލިޓީތަކަށް ކިރުވާފައިވަނީ 1،488 ޓަނުގެ މަހެވެ. ޖުލައި މަހު މި އަދަދު ހުރީ 2،474 ޓަނުގައެވެ. މިއީ ގާތްގަނޑަކަށް 39 އިންސައްތައިގެ ދަށްވުމެކެވެ.
މިފްކޯއަށް ކިރުވި މަހުގެ އަދަދު ދަށްވުމާ ގުޅިގެން، އެ ކުންފުނިން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދަށްވެސް ވަނީ އޭގެ އަސަރުކޮށްފައެވެ. އެގޮތުން ޖުލައި މަހު މަސްވެރިންނަށް 49.7 މިލިއަން ރުފިޔާ ދޫކޮށްފައިވީ ނަމަވެސް، މިދިޔަ އޮގަސްޓު މަހު ދޫކުރެވުނީ 29.9 މިލިއަން ރުފިޔާއެވެ. މިއީ ޖުލައި މަހާ އަޅާބަލާއިރު 39 އިންސައްތައިގެ ދަށްވުމެކެވެ.
މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މަސްވެރިން ކިރާ މަހަށް ވީ އެންމެ އަވަހަކަށް ގަވާއިދުން ފައިސާ ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.