ޤައުމީ މާމަކާފަ ދުވަސް ފާހަގަކުރުމަށް ބ. އޭދަފުށީގައި ކުލަގަދަ ޢާއިލީ ހަވީރެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޤައުމީ މާމަކާފަ ދުވަސް ފާހަގަކުރުމަށް ބ. އޭދަފުށީގައި ކުލަގަދަ ޢާއިލީ ހަވީރެއް ބާއްވައިފި

ޤައުމީ މާމަކާފަ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، ޢާއިލާތަކަށް އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބ. އޭދަފުށީގައި ކުލަގަދަ ޢާއިލީ ހަވީރެއް ބާއްވައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ފާހަގަކުރާ މާމަކާފަ ދުވަހާ ގުޅުވައިގެން ބޭއްވި މި ހަވީރަށް އެ ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ޢާއިލާތަކުގެ ފަރާތުން ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.

މި ޢާއިލީ ހަވީރުގެ ތެރެއިން މާމައިންނާއި ކާފައިންގެ ދުޅަހެޔޮކަމަށް ޚާއްޞަ އިސްކަމެއް ދީގެން، ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތައް ވަނީ ފޯރުކޮށްދީފައެވެ. އަދި މި ހަވީރަށް ޒިޔާރަތްކުރި ފަރާތްތަކަށް ހިލޭ ހެލްތު ޗެކަޕް ހެދުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފައެވެ. މީގެއިތުރުން، ދޮށީ ޢުމުރުގެ މީހުންގެ ޙައްޤުތަކާއި މާލީ ރައްކާތެރިކަމާ ގުޅޭގޮތުން ޕެންޝަނާ ބެހޭ މުހިއްމު މަޢުލޫމާތުތައްވެސް މި އިވެންޓުގެ ތެރެއިން ވަނީ ޙިއްޞާކޮށްފައެވެ.

މާމައިންނާއި ކާފައިންގެ އިތުރުން ކުޑަކުދިންނަށްވެސް އުފާވެރި މާޙައުލެއް ޤާއިމުކުރުމުގެ ގޮތުން އެކުދިން ޝައުޤުވެރިވާނެ ފަދަ ތަފާތު ކުޅިވަރުތައް މި ހަވީރުގައި ކުރިއަށްދިޔައެވެ. އަދި ދިވެހިންގެ އިހުގެ ދިރިއުޅުމާއި، މާޒީގެ ރީތި ހަނދާންތައް އައުކޮށްދޭ ގިނަ ޢަދަދެއްގެ ތަކެތި ޢާންމުންނަށް ފެންނާނޭހެން މި ހަރަކާތުގައި ވަނީ ދައްކާލާފައެވެ.

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހަކީ މާމަކާފަ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މުޖުތަމަޢުގައި ދޮށީ ޢުމުރުގެ މީހުންނާއި މާމައިންނާއި ކާފައިންގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ލޯތްބާއި އިޙްތިރާމް އަދާކުރުމުގެ ރޫޙު އާލާކުރުމަށްޓަކައި ޤައުމީ ފެންވަރުގައި މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުން ފެށިގެންނެވެ.

މިއަދު އޮންލައިން