ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި އެ އޮފީހުގެ އިސް މަގާމުތަކެއް ފުރުއްވި މ.އެކޯ، ޢަބްދުالله ޝަރީފު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ތަޢުޒިޔާގެ މެސެޖެއްގައި ވިދާޅުވީ، ޢަބްދުﷲ ޝަރީފު އަވަހާރަވި ޚަބަރު އެމަނިކުފާނު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި މަރްޙޫމްގެ ޢާއިލާއަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ އަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މަރްޙޫމް ޢަބްދުﷲ ޝަރީފަކީ 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ތެރެއިން 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެމަނިކުފާނު ޚިދުމަތް ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ދައުލަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، 2023 ވަނަ އަހަރު ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިނާމުވެސް މަރްޙޫމަށް ވަނީ އަރުވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، ޢަބްދުﷲ ޝަރީފަކީ ވަރަށް ހިންގުންތެރި، އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކޮށްދެއްވި، އަދި މަސައްކަތުގެ މަތީ އަޚުލާޤެއް ހިފެހެއްޓެވި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތެރި ބޭފުޅެއްގެ ގޮތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައިވެއެވެ.