ފަސް ރަށެއްގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓްއާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ދެމެދު އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގެ ދަށުން މަޝްރޫއުތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. ފުނަދޫ، ގދ. މަޑަވެލި، ފ. ދަރަނބޫދޫ އަދި ކ. ގާފަރުގެ އިތުރުން ކ. މާފުއްޓެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ޖަމްޝީދު އެވެ.
މަޝްރޫއު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު
ށ. ފުނަދޫ
ފުނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 26.55 ހެކްޓަރުގެ ބިން ހިއްކުމާއި، 3284 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް އަދި 50 މީޓަރުގެ ޖިއޯ ބޭގް ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
ގދ. މަޑަވެލި
ގދ. މަޑަވެލި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި، ދޯނި އެހެލާ ސަރަހައްދެއް ހެދުމާއި، 253 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލުމާއި، 537 މީޓަރުގެ ސޭންޑްފިލް ބްރޭކްވޯޓާ ރިވެޓްމަންޓް އަދި 535 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 367 މީޓަރުގެ އެއްގަމުތޮށި މަރާމާތުކުރުމާއި، 383 މީޓަރުގެ އައު އެއްގަމުތޮށި ލުމާއި، ދިގުމިނާއި ފުޅާމިނުގައި 11 މީޓަރު ހުންނަ ރޭމްޕެއް، 150 މީޓަރު ދިގު، 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް، 20 މީޓަރު ދިގު، 3 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް، ނެރު ބައްތި، މަގުބައްތި އަދި ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ފ. ދަރަބޫދޫ
ފ. ދަރަބޫދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު 360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާއިރު، އެ މަސައްކަތުގެ ތެރޭގައި 6 ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި، 635 މީޓަރުގެ ބޮޑުހިލައިގެ ލޯކްރެސްޓް ބްރޭކްވޯޓާ އަދި 65 މީޓަރުގެ 4 ބޮޑުހިލައިގެ ލޯކްރެސްޓް ބްރޭކްވޯޓާ ގާއިމުކުރުން ހިމެނެއެވެ.
ކ. ގާފަރު
ކ. ގާފަރު ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި، 420 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ލުމާއި، 17 މީޓަރުގެ ބޮޑުހިލައިގެ ސަބްމާރޖްޑް ބޭރުތޮށި ލުމާއި، މިހާރުގެ އެއްގަމުތޮށިން 468 މީޓަރުގެ ސަރަހައްދެއް މަރާމާތު ކުރުމުގެ އިތުރުން 220 މީޓަރު ދިގު، 4 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ކ. މާފުށި
ކ. މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، 724 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް، 162 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓާ އަދި 356 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.