މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ، ޢަލީ ޝަރީފާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން، އއ. މަތިވެރި، ހދ. ނޮޅިވަރަމް އަދި އދ. ދިގުރަށުގެ މަންދޫބުންނާއި ކައުންސިލްތަކާ ބައްދަލުކުރައްވައި އެ ރަށްރަށުގެ ތިމާވެއްޓާއި ޔޫޓިލިޓީގެ ޚިދުމަތްތަކާ ގުޅުންހުރި މުހިންމު ކަންކަމާ މަޝްވަރާކުރައްވައިފިއެވެ.
މަތިވެރީގެ ކުނި މެނޭޖްކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުން
އއ. މަތިވެރި ދާއިރާގެ މެންބަރާއި އެ ރަށު ކައުންސިލްގެ ރައީސާ އެކު ބޭއްވުނު ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ މަތިވެރީގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގޮނޑުދޮށް ހިމާޔަތްކުރުމާ ގުޅޭގޮތުންނެވެ. އެގޮތުން ރަށުގެ ތިމާވެއްޓަށް ދިމާވެފައިވާ މިފަދަ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން، މިނިސްޓްރީގެ ފަރާތުން މަތިވެރީގައި މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި، ރަށުގެ ތަރައްޤީއަށްޓަކައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ތިމާވެއްޓާ ގުޅުންހުރި އިސްނެގުންތަކާ ބެހޭގޮތުން ވެސް ވަނީ މަޢުލޫމާތު ބަދަލުކުރައްވާފައެވެ. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން ބަލައި، ކައުންސިލްތަކާ ގުޅިގެން ދެމެހެއްޓެނިވި ހައްލުތަކެއް ހޯދައިދިނުމަށެވެ.
ނޮޅިވަރަމްގެ ތިމާވެށީގެ މައްސަލަތަކާއި ކަނޑޫފާ ހިމާޔަތްކުރުން
ހދ. ނޮޅިވަރަމް ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އެ ރަށަށް މިހާރު ދިމާވެފައިވާ ތިމާވެށީގެ އެކި މައްސަލަތަކަށެވެ. އެގޮތުން، ކުނި މެނޭޖްކުރުމުގައި ހުރި ދަތިތަކާއި، ގިރާ ސަރަޙައްދުތައް ހިމާޔަތްކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، ނޮޅިވަރަމްގެ ކަނޑޫފަލުގެ ގަސްތައް މަރުވަމުންދާ މައްސަލައާއި، ރަށުގެ ކުޅި ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ. މި މަޝްވަރާތަކުގެ މައިގަނޑު ބޭނުމަކީ ރަށަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކަށް އެކަށީގެންވާ ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދައި، ވުޒާރާއާއި ކައުންސިލް ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ހަލުވިކުރުމެވެ.
ދިގުރަށުގެ ތިމާވެއްޓާއި ޔޫޓިލިޓީ މައްސަލަތައް
އދ. ދިގުރަށު ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ދިގުރަށުގެ ކުނި މެނޭޖްކުރުމުގެ ނިޒާމަށާއި، ގިރާ ސަރަޙައްދުތައް ހިމާޔަތްކުރުމަށާއި، އަދި ޔޫޓިލިޓީ ޚިދުމަތްތަކާ ގުޅިގެން ރަށަށް ކުރިމަތިވެފައިވާ އެކިއެކި ގޮންޖެހުންތަކުގެ މައްޗަށެވެ. ދިގުރަށު ކައުންސިލުން ވަނީ މި މައްސަލަތަކުގެ ސަބަބުން ރަށުގެ ވަސީލަތްތައް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ކުރަމުންދާ ނޭދެވޭ އަސަރުތައް މިނިސްޓަރާ ހިއްސާކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެފަރާތުން ވަނީ މި މައްސަލަތަކަށް ޢަމަލީ ގޮތުން ގެނެވިދާނެ އަވަސް ހައްލުތަކަކީ ކޮބައިތޯ ބަލައި، ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުން އިތުރަށް ހަރުދަނާކުރުމަށާއި، ދިގުރަށުގެ ތިމާވެށީގެ ވިލުންވެރިކަން އިތުރުކުރުމަށާއި، ރަށުގެ ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.