ޑޮލަރުގެ އަގާއިބެހޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި އެއްވެސް ވާހަކަފުޅެއްގައި ރާއްޖޭގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޭނުންވާ ހުރިހާ ޑޮލަރެއް ބޭންކްތަކުން ވިއްކާކަމަށް ވިދާޅުވެފައެއް ނުވެއެވެ. ހާމަކުރެއްވީ ހަމައަގުގައި ވިއްކަމުން ގެންދާ ޢަދަދުތަކެވެ. ކަންބޮޑުވުން ފައުލުކުރެއްވީ ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ވައްދަންޖެހޭ ޑޮލަރުގެ ބޮޑު އިންސައްތައެއް ނުވައްދާތީ ޑޮލަރު ލިބުމަށް ހުރިދަތިތަކެވެ. އަދި މިހާރުހުރި ދަތިތަކާއިއެކުގައިވެސް ކުރީ ސަރުކާރަށްވުރެ މާގިނައިން މިހާރުވެސް ހަމައަގުގައި ޑޮލަރު ފޯރުކޮށްދެއްވަމުން ގެންދަވާ ކަމެވެ.
ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޭނުންވާވަރަށް ހަމައަގުއަގުގައި ޑޮލަރު ގަންނަން ނުލިބުމުގެ މައްސަލައަކީ މިއަދު އެކަނި އޮތް މައްސަލައެއް ނޫނެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅުން ފެށިގެން އޮތް މައްސަލައެކެވެ. ނިމިގެންދިއަ ކޮންމެ ސަރުކާރެއްގައިވެސް ޑޮލަރުގެ އަގު އައީ އުފުލެމުންނެވެ. ތިރިވެފައެއް ނެތެވެ. 2008 ގައި 13 ރުފިޔާއަށް ލިބުނު ޑޮލަރު 2023 ނިމުނުއިރު 19 ރުފިޔާއަށް އަރާފައިވާކަން އެއީ ފެންނަން އޮތް ޙަޤީޤަތެކެވެ.
ރައީސް އިޢުލާނު ކުރެއްވީ ޑޮލަރުގެ އަގު އުފުލުން ހުއްޓުވުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކެވެ. އެފިޔަވަޅުތަކުގެ ނަތީޖާ އެއްދުވަހުން ނުފެނުނު ނަމަވެސް ނަތީޖާ ރަނގަޅު ގޮތުގައި ފެންނާނެކަން އެއީ ޔަޤީންކަމެކެވެ. ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ވަންނަންޖެހޭ ޢަދަދަށް ޑޮލަރު ވެއްދިއްޖެނަމަ އެއީ ޙާޞިލުކުރެވޭނެ ނަތީޖާއެކެވެ.
ރައީސްގެ ވާހަކަފުޅުން:
އާދެ، އެގޮތުން އަޅުގަނޑު ފުރަތަމަ ފާހަގަކޮށްލާނީ، ބޭރުފައިސާގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލާއި، އަދި އެއާ ގުޅިފައިވާ ބައެއް ބިލުތަކާ ގުޅޭގޮތުން. އާދެ، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް މި ގެނައި އިޞްލާޙު މިއީ، ވަރަށް މުހިންމު އިޞްލާޙެއް. އާދެ، އަޅުގަނޑުމެން މި ގެނައި މައިގަނޑު ބަދަލަކީ، ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން މާރުކުރަންޖެހޭ އަދަދު ބަޔާންކޮށްފައިވާ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙެއް. އެގޮތުން، ރިޒޯޓުތަކުން މީގެކުރިން، ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތްއޮތުން، މިހާރު މީގެ ސަބަބުން އުނިވެގެންގޮސް، އޭގެ ބަދަލުގައި، ގްރޮސް ސޭލްސްގެ 40 އިންސައްތަ ބޭންކަށް މާރުކުރާ ގޮތަށް ބަދަލުވެގެން މި ދިޔައީ. އަދި، މީގެ ސަބަބުން، އެއްވެސްވަރަކަށް ކެޓަގަރީ ބީ، ނޫނީވިއްޔާ ގެސްޓްހައުސް މަސައްކަތުގައި އުޅޭ، ޓޫރިޒަމްގައި އުޅޭ އެއްވެސް ވިޔަފާރިއަކަށެއް، މިހާރު ޤާނޫނުގައި އޮތްއޮތުމަކަށް އެއްވެސް ބަދަލެއް ނާދޭ. ރިޒޯޓުތަކުގެ ބޭރު ފައިސާ މާރުކުރުމަށް މީގައި މި އިޞްލާހު މިއައީ.
އާދެ، މިކަމުގެ ސަބަބުން، އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، އަޅުގަނޑުމެންނަށް ލިބޭ ބޭރު ފައިސާ އިތުރުވެގެންދާނެ ކަމަށް. އެމް.އެމް.އޭ.އަށް ލިބޭ ފައިސާ އިތުރުވެގެންދިޔުމަކީ، އަސާސީ ކަންކަމަށް ކުރެވެންހުރި ޚަރަދުތަކަށް އެއިން ފައިދާވާނެ ކަމެއް. އާދެ، އަޅުގަނޑުމެންނަށް ހިސާބުތަކުން އެބަ އެނގޭ، ފަތުރުވެރިކަމުގެ ޞިނާޢަތަށް މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް. އެހެންނަމަވެސް، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރޭގައި ވަދެފައިވަނީ، އޭގެތެރެއިން އެންމެ 3.8 ބިލިއަން ޑޮލަރު. މި 3.8 ބިލިއަން ޑޮލަރުގެ ތެރެއިންވެސް، އެންމެ 21 އިންސައްތަ މިވަނީ، ބޭންކުތަކަށް މާރުކޮށްފައި. ދެން، މި ޤާނޫނު އައުމުގެ ކުރިން، މި އަދަދު މިއަށްވުރެވެސް މަދު. އެންމެ 10 އިންސައްތަ މާރުކުރަމުންދިޔައީ.
އާދެ، އަޅުގަނޑުގެ އަމާޒަކީ، މި އިޞްލާޙު މިހާރު ޤާނޫނަކަށް ވެގެންދިޔުމުން، މީގެ ފައިދާ ސީދާ ރައްޔިތުންނަށް ވެގެންދިޔުން. އާދެ، ސީދާ ރައްޔިތުންނަށް މިއިން ފައިދާވެގެންދާ ގޮތަކީ، މި އިތުރުވެގެންދާ އިންސައްތައިގެ ސަބަބުން، އާދެ، މި އިންސައްތައިން 40 އިންސައްތައަށް މި މާރުކުރުން އިތުރުވެގެން ދިޔުމުން، އެ ލިބޭ ފައިސާ ބޭނުންކުރުމަށް އަޅުގަނޑުމެން ގަސްދުކުރަނީ، ރާއްޖެއަށް އިމްޕޯޓްކުރާ މުދަލަށް ފައިސާ ދެއްކުމަށް ޓީ.ޓީ. ހެދުމާއި، މިފަދަ ކަންކަމުގައި. އަސާސީ މުދަލަށް ޚާއްޞަގޮތެއްގައި އިސްކަންދެވިގެން، ވިޔަފާރިކުރާ ފަރާތްތަކަށް ޓީ.ޓީ. ހެދުމަށް އިތުރުކުރެވިގެންދާނެ.
އާދެ، އަޅުގަނޑުމެން ބޭނުންވަނީ ވިޔަފާރިތައް ކުރިއަރުވަން. އެހެންވީމާ، ވިޔަފާރިތަކަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، އާންމުކޮށް ޓްރޭޑްގައި އުޅޭ އެކިއެކި ވިޔަފާރިތަކަށް، އެކިކަހަލަ ގޮތްގޮތުން މި މަގުފަހިކޮށްދިނުމަށްޓަކައި، އަޅުގަނޑުމެން ޤާނޫނުތަކަށް މި އިޞްލާޙު ގެންނަނީ. އެހެންވީމާ، އެގޮތުން ބޭރު ފައިސާ މާރުކުރުން މިގޮތަށް އިތުރުވެގެންދިޔުމުން، އޭގެ ފައިދާ ބޭންކިންގ ނިޒާމުގެ ތެރެއިން ވިޔަފާރިތަކަށް ކުރަމުންދާނެ.
ދެން، ވަރަށް ގިނަ ކަންބޮޑުވުންތައް ބައެއް ރިޒޯޓުތަކުން، ބައެއް ރިޒޯޓުތަކުގެ ވިޔަފާރިވެރިން ފާހަގަކުރަމުންދިޔަ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ބަދަލު ގެނައީ، ވަރަށް ރަނގަޅަށް ދިރާސާ ކުރެވިގެންކަން. މިއީ، ހަމަ ތިބެފައި ކުރިކަމެއް ނޫން. މިކަމުގެ ޢިލްމީ، ފަންނީ، ޤާބިލް ފަރާތްތައް މިކަމުގައި ހުރިހާ މަސައްކަތެއް ކޮށްފައިވަނީ. އެމް.އެމް.އޭ.އިން، ފިނޭންސް މިނިސްޓްރީން، އިކޮނޮމިކް މިނިސްޓްރީން، ކަމާބެހޭ ހުރިހާ މިނިސްޓްރީތަކުން. މިކަމުގައި މަސައްކަތް ކޮށްފައިވަނީ، ހިސާބު ކިތާބު ބަލާފައި. ސްޓެޓިސްޓިކަލް މަޢުލޫމާތު އެއްކޮށްގެން.
އަޅުގަނޑު ހަމަ ވަރަށް އަދަބުވެރިކަމާއެކީގައި ދަންނަވާލަން ބޭނުން، ރިޒޯޓްތަކުން 40 އިންސައްތަ މާރުކުރުމަކަށް އެއްވެސް ދަތިކަމެއް ނޯންނާނެކަން، އަޅުގަނޑުމެންނަށް ޔަޤީންކަމާއެކީގައި އެނގޭ. ރިޒޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށް، ނޫނީވިއްޔާ މުވައްޒަފުންނަށް މުސާރަ ދިނުމަށް، ނޫނީވިއްޔާ އޮޕަރޭޝަނަލް އެކްސްޕެންސްތަކަކަށް އެއްވެސް ދައްޗެއް ނުވާނެ، 40 އިންސައްތަ މާރުކޮށްގެނެއް. އެއީ ޔަޤީން ކަމެއް.
މިހާރުވެސް އެބަ ފެނޭ، ނޫސްތަކުންވެސް ފެނޭ، އަދި އެހެން ގޮތްގޮތުންވެސް އެބަ އެނގޭ، ކަޅު ބާޒާރުގައި، ބޮޑު އަގުގައި ބައެއް ފަރާތްތަކުން މާރުކުރަމުން އެބަދޭ. ޔަޤީނުންވެސް ފައިސާ އެކްސެސް ހުރީމަ މިކަން ކުރާނީ. ދެން އެހެންނޫނަސް، ހިސާބު ކިތާބުތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތް، 40 އިންސައްތަ މާރުކުރުމަކީ، އެއްވެސް ރިޒޯޓަކަށް ދަތިވާނެކަމެއް ނޫން.