މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް، ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިޤްތިސާދީ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ތިލަފުށީ ޕޯޓް މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ދަނީ ހަލުވިކަމާއެކު ހުއްޓުމެއްނެތި ކުރިއަށެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ލޮޖިސްޓިކްސް އަދި ކަނޑުދަތުރުފަތުރާ ގުޅޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޒަމާނީ އަދި ވަރުގަދަ ބަނދަރެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ރޭވިފައިވާ ކޮންސްޓްރަކްޝަން ޕްލޭނާ އެއްގޮތަށް މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާއިރު، މި މަޝްރޫޢު ނިމުމުން ރާއްޖޭގެ މުދާ އުފުލުމާއި ކާގޯ ހޭންޑްލިންގ ކެޕޭސިޓީ ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ބަނދަރުގެ އޮޕަރޭޝަނަލް އެފިޝެންސީ ނުވަތަ މަސައްކަތުގެ ދުވެލި އަވަސްވެ، ފުރިހަމަވެގެން ދިއުމާއެކު، ރާއްޖޭގެ ވިޔަފާރިއާއި އިޤްތިސާދީ ތަރައްޤީއަށް ބޭނުންވާ ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.