ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް ލިބިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 43ސ
ޓެކްސް އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީއަށް %6.9 ގެ ކުރިއެރުމެއް ލިބިއްޖެ

27 އޮގަސްޓް 2026 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.92 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 26.12 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %6.9 އިތުރު އަދަދެއް ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން އާންމުކުރި ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓްގައި ބުނެފިއެވެ. މި ކުރިއެރުން ލިބިފައިވަނީ ޓެކްސް އާމްދަނީ އާއި، މުދަލާއި ބިންބިމުން ލިބުނު އާމްދަނީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމާ ގުޅިގެންނެވެ. މާލީ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފުތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމްޕޯޓް ޑިއުޓީންނެވެ.

27 އޮގަސްޓް 2026 ގެ ނިޔަލަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ޖުމްލަ 2.21 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ ހަމައަށް ލިބުނު 1.97 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %12.1 އިތުރު އަދަދެކެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 239.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި 7.52 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރު ލިބުނު 7.20 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %4.4 އިތުރު އަދަދެކެވެ.

ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 19.91 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %9.2 އިތުރުވެ، ޖުމްލަ 21.73 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ވިޔަފާރި އާއި މުދަލުން ލިބުނު ޓެކްސް އާމްދަނީ %19.7 އިތުރުވެ 5.55 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކޯޕަރޭޓް އިންކަމް ޓެކްސް ވަނީ %6.1 އިތުރުވެ 2.87 ބިލިއަން ރުފިޔާއަށް އަރާފައެވެ. އާންމު މުދަލާއި ހިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި 3.56 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ސަރވިސް ޗަރޖާއި ޑިޕަރޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ %8.2 އިތުރުވެ 1.26 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.

މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީއަށް ވެސް %32.0 ގެ ކުރިއެރުމެއް ލިބިފައިވާއިރު، މި އަދަދު ވަނީ 1.68 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު 1.17 ބިލިއަން ރުފިޔާއާއި، ބިން ގަތުމާއި ބިމުގެ ބޭނުން ބަދަލުކުރުމުގެ ފީގެ ގޮތުގައި ލިބުނު 424.0 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު %88.0 އިތުރުވެ، 250.9 މިލިއަން ރުފިޔާއިން 471.8 މިލިއަން ރުފިޔާއަށް ވަނީ އުފުލިފައެވެ.

27 އޮގަސްޓް 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 29.96 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަވި 25.50 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %17.5 އިތުރު އަދަދެކެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 26.14 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަވީ 3.82 ބިލިއަން ރުފިޔާއެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވެދިޔަ ހަފުތާގެ ތެރޭގައި ޚަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އުޖޫރައަށެވެ.

މުސާރައާއި އުޖޫރައަށް ކުރި ހޭދަ 4.75 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އޮގަސްޓް 27 ގެ ނިޔަލަށް ހޭދަވި 4.21 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %12.7 ގެ އިތުރުވުމެކެވެ. މިއީ 533.0 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. ކެޕިޓަލް ޚަރަދުތަކަށް ބަލާއިރު، ބިމާއި އިމާރާތްތަކަށް ކުރި ހޭދަ ވަނީ %44.6 އިތުރުވެ 1.24 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރި 857.7 މިލިއަން ރުފިޔާއަށްވުރެ 382.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެހެނިހެން ރިކަރަންޓް ޚަރަދުތަކުގެ ތެރޭގައި މުވައްޒަފުންގެ އިނާޔަތްތަކަށް ހޭދަވި 4.04 ބިލިއަން ރުފިޔާ ހިމެނެއެވެ. މިއީ 6.2 އިންސައްތައި ގެ އިތުރުވުމެކެވެ. އަދި ޕެންޝަނާއި ރިޓަޔަރމަންޓް އިނާޔަތްތަކަށް ހޭދަވި 1.56 ބިލިއަން ރުފިޔާއަކީ އަހަރުން އަހަރަށް ބަލާއިރު 8.0 އިންސައްތައި ގެ އިތުރުވުމެކެވެ. އެހީއާއި ސަބްސިޑީގެ ގޮތުގައި ދޫކުރި މިންވަރު 40.3 އިންސައްތަ އިތުރުވެ 8.54 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރޭގައި ސަބްސިޑީގެ ގޮތުގައި ދިން 3.54 ބިލިއަން ރުފިޔާއާއި ކައުންސިލްތަކަށް ދިން 1.67 ބިލިއަން ރުފިޔާ ހިމެނެއެވެ. އާސަންދައަށް ކުރި ހޭދަ ހުރީ 1.45 ބިލިއަން ރުފިޔާގައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.7 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ދައުލަތުގެ ކެޕިޓަލް ހަރަދު ވަނީ 9.0 އިންސައްތަ އިތުރުވެފައެވެ. މީގެ ތެރޭގައި ކެޕިޓަލް އިކުއިޕްމަންޓަށް ކުރި ހަރަދު 18.0 އިންސައްތަ އިތުރުވެ 473.9 މިލިއަން ރުފިޔާއަށް އަރާފައިވާއިރު، ފާލަމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް ކުރި ހަރަދު 39.8 އިންސައްތަ އިތުރުވެ 292.1 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ އިތުރުން، އުމްރާނީ ތަރައްގީގެ އެހެނިހެން ވަސީލަތްތަކަށް ކުރި ހަރަދު 42.3 އިންސައްތަ އިތުރުވެ 834.8 މިލިއަން ރުފިޔާއަށް ވަނީ އުފުލިފައެވެ. މި އިތުރުވުންތަކާއެކު، 27 އޯގަސްޓް 2026 ގެ ނިޔަލަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރި ޖުމްލަ ހަރަދު ވަނީ 3.33 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން