ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ، ދިވެހި ރައްޔިތުންނަށާއި، ދިވެހި ފަސްގަނޑުގައި ފައި ބީއްސާ ކޮންމެ ބިދޭސީއަކަށާއި، އަދި ދުނިޔޭގެ ކުރިމަތީގައިވެސް މި ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް ނުހަނު މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މަންސަ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހާރާއި މިހާރުގެ އެންމެހައި ޚިދުމަތްތެރީންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ފުލުހުން މި ޢަޒުމާއި މި ރޫޙުގައި، އެ އަމާޒު ހާސިލުވާކަން ކަށަވަރުކުރުމުގެ މަތީގައި، އަބަދުވެސް ހިންމަތާއި އިޚްލާޞްތެރިކަމާއެކު ދެމިތިބުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފުކުރެވުނީ 1933 ވަނަ އަހަރުގައެވެ. އޭގެ ފަހުން، ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ޤާއިމުކުރެވިގެން ދިޔައީ 1 ސެޕްޓެންބަރު 2004 ގައެވެ.