މިފްކޯގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުﷲ ފާއިޒު އައްޔަންކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މިފްކޯގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުﷲ ފާއިޒު އައްޔަންކުރައްވައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޗެއަރޕާސަންގެ މަޤާމަށް މއ. ދޭލިޔާގެ، ޢަބްދުﷲ ފާއިޒު މިއަދު އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވީ، ސަރުކާރުގެ މަސް ކުންފުނި ކަމަށްވާ މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށާއި، އެ ކުންފުނީގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުﷲ ފާއިޒު އައްޔަންކުރައްވާފައިވާ ކަމަށެވެ. މި ބަދަލަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ކުރިއެރުވުމަށްޓަކައި ގެންނެވި ބަދަލެކެވެ.

މިފްކޯގެ ޗެއަރޕާސަން ކަމަށް މިއަދު އައްޔަންކުރެއްވި ޢަބްދުﷲ ފާއިޒަކީ ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ ދިގު މާޒީއެއް އޮތް، އަދި އެ ދާއިރާތަކުން 30 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޤާބިލު ބޭފުޅެކެވެ.

މީގެ ކުރިންވެސް ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކުގެ އިސް މަޤާމުތައް ފާއިޒު ވަނީ ފުރުއްވާފައެވެ. އެގޮތުން، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއަރމަން ކަމުގެ މަޤާމުގެ އިތުރުން، ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި ކަމަށްވާ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރމަންކަންވެސް އެމަނިކުފާނު ވަނީ ކާމިޔާބުކަމާއެކު އަދާކުރައްވާފައެވެ.

ފާއިޒުގެ މި ތަޖުރިބާއާއެކު، މިފްކޯގެ ހިންގުމަށް އިތުރު ހަލުވިކަމަކާއި، ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އައު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން