ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލު ފާސްކުރައްވާފައިވަނީ، 2026 އޮގަސްޓު 26 ވީ ބުދަ ދުވަހު ބޭއްވެވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 28 ވަނަ ޖަލްސާއިންނެވެ.
މި އިޞްލާޙުގެ މަގުސަދަކީ، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ކަށަވަރުކުރުމާއި، ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާތުތައް ހަރުދަނާކުރުމަށްޓަކައި، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.
މި އިޞްލާޙާއެކު، ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތައް ކަނޑައަޅުމުގެ އިޖުރާތު ހަރުދަނާވެގެންދާނެއެވެ. އެގޮތުން، ކައުންސިލްތަކުގެގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ތަންތަން ކައުންސިލްގެ އިޚްތިޞާޞްގެ ތެރެއިން ވަކިކުރުމުގެ ކުރިން، ޤައުމީ އިދާރާއިން ފުރިހަމަކުރަން ޖެހޭ އިޖުރާތުތައް ވަނީ މި ބިލުގައި ބަޔާންކޮށްފެއެވެ.
މީގެ އިތުރުން، ޤައުމީ އިދާރާތަކުން ކައުންސިލްތައް މެދުވެރިކޮށް ޚިދުމަތްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން އިދާރީ ދާއިރާތަކުގައި އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް ޤާއިމުކޮށް އެ ސެންޓަރުތަކުން ޚިދުމަތް ދެވޭނެކަމަށް ވަނީ ބަޔާންކުރައްވާފައެވެ. އަދި މި ޤާނޫނަށް ގެނެސްފައިވާ 17 ވަނަ އިޞްލާޙާއެކު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ބަދަލުކުރެވުނު، ކުރިން އަތޮޅު ކައުންސިލްތަކުގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ވަސީލަތްތައް، 19 ވަނަ އިޞްލާޙަށް ޢަމަލުކުރަން ފެށުމާއެކު، މާލީ ކަންކަން ހިންގުމާބެހޭ ވުޒާރާއަށް ބަދަލުވީއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު މި އިޞްލާޙަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.
މި އިސްލާހު ތަސްދީޤު ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެކި ރަށްރަށުގައި ކުރިއަށް ގެންދަން ނިންމާވާފައިވާ މަޝްރޫޢުތައް ފެށުމަށް ބޭނުންވާ ބިންތައް ހަވާލުކުރުމަށް އިދިކޮޅު ވިސްނުމުގެ ކައުންސިލްތަކުން ހުރަސް އަޅަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަޝްރޫޢުތައް ވަރަށް ބޮޑަށް ލަސްވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާހަށް ސަރުކާރުން ތާޢިދުކުރަން ނިންމީ، ސަރުކާރުން ބޭނުންވާ މަޝްރޫޢުތައް ހިންގުމަށް ބައެއް ކައުންސިލުތަކުން ކުރިމަތިކުރަމުންދާ ދަތިތަކަށް އެބިލުން ހައްލެއް ލިބިގެންދާތީ ކަމަށް ރައީސް ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބިން ނަގަންޖެހޭ ހާލަތެއްގައި ބިން ނަގާނީ ތަރައްޤީގެ މަޝްރޫޢޫތައް ކުރިއަށްގެންދަން އެކަނިކަމަށެވެ. އަދި ބިން ނެގުމުގެ ކަންކަން ކުރިއަށް ގެންދަވާނީވެސް ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއަޅާނަމަކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ހަޤީޤަތުގައި ސަރުކާރުން ބޭނުމެއް ނުވޭ ކައުންސިލްތަކުން ބިންތައް ވަކިކުރާކަށް އެހެންނަމަވެސް ހުރަސް އަޅާ ކަމަށްވަންޏާ އެތައް މަހެއް ޑިލޭވަމުންދަނީ. އެހެންވެއްޖެއިއްޔާ އެބަޖެހޭ ބިންތައް ވަކިކޮށްގެންވެސް މަޝްރޫޢުތައް ހިންގަން. މި ބިލުގައި ކަނޑައަޅާފައި އެބައޮތް. ބިންތައް ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ފޮނުވާއިރު، ބައެއް ކަންކަން ކުރަންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.