ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް މަޝްރޫޢު މަސްވެރިންގެ ދުވަހަށް ނިންމަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް މަޝްރޫޢު މަސްވެރިންގެ ދުވަހަށް ނިންމަނީ

ސަރުކާރުން ޅ. ފެލިވަރުގައި ތަރައްޤީ ކުރަމުންދާ ކޯލްޑް ސްޓޯރޭޖު ފެސިލިޓީގެ މަސައްކަތް މިއަހަރުގެ މަސްވެރިންގެ ދުވަހަށް ނިންމައި، ޚިދުމަތް ދޭން ފެށޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޢުމްރާނީގޮތުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ މަސް ގަނޑުކޮށް ރައްކާކުރެވޭނެ ފެސިލިޓީތައް އިތުރު ކުރުމަށް ކަމަށެވެ. އެގޮތުން، ރާއްޖޭގެ އެކި އަތޮޅުތަކުގެ 7 ރަށެއްގައި ޖުމްލަ 11،000 ޓަނުގެ މަސް ރައްކާކުރެވޭ ފެންވަރުގެ ކޯލްޑް ސްޓޯރޭޖު ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ ފެލިވަރުގައި ތަރައްޤީކުރަމުންދާ 4000 ޓަނުގެ މަސް ރައްކާކުރެވޭ ކޯލްޑް ސްޓޯރޭޖު ފެސިލިޓީއެވެ. މި މަޝްރޫޢުގެ 82 އިންސައްތަ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، "މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަސައްކަތެއް. އެ މަސައްކަތް ދާގޮތް ބެލުމަށް ދާދިފަހުން އެ ފެސިލިޓީއަށް ދަތުރެއްވެސް ކޮށްފިން، އިންޑިއާ ސަފީރު ހިމެނިވަޑައިގަންނަވާހެން. މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދޭ. އަމާޒަކީ، މަސްވެރިންގެ ދުވަހަށް އެތަން ހުޅުވާ މަސްކިރުވޭނެ ޚިދުމަތް ފެށުން." ކަމަށެވެ.

ފެލިވަރުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފެށުމުން، މަސްވެރިން ބާނާ މަސް ކިރުވުމަށާއި މަސް ރައްކާކުރުމަށް ހުރި ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ. ސަރުކާރުގެ އަމާޒަކީ މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދީ، މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމެވެ.

މިއަދު އޮންލައިން