48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން މަސްވެރިންނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށިފަހުން މަސްވެރިންނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި

މި ސަރުކާރުން މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށި ފަހުން، މިހާތަނަށް މަސްވެރިންނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ދާއިރާގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްވެރިން ބާނާ މަހަށް ލިބެންޖެހޭ ފައިސާ ގިނަ ދުވަސްތަކެއް ވަންދެން ނުލިބި ހުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވި ވަގުތު މަސްވެރިންނަށް ނުދެވި 250 މިލިއަން ރުފިޔާގެ ބެކްލޮގެއް އޮތް ކަމަށެވެ. އަދި މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ގިނަ ބަޔަކު ފާޑުކިޔައި، އެއީ ނުވާނެ ކަމެއް ކަމަށް ބުނަމުން ދިޔަ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚާއްޞަ އަހައްމިއްޔަތުކަމުގެ ސަބަބުން އެ ބެކްލޮގް އެއްކޮށް ހަލާސްކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމުގެ ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރަން ފެށުނު ފަހުން، މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ޖުމްލަ 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ވަޒީރު ޝިޔާމް ހާމަކުރެއްވިއެވެ. މިއީ މަސްވެރިންގެ ޙައްޤުތައް ކަށަވަރުކޮށްދީ، މި ސިނާއަތަށް ދިރުން ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ނަތީޖާއެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން