ގުޅިފަޅުގައި 4000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު މިއަހަރު ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
ގުޅިފަޅުގައި 4000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު މިއަހަރު ފަށަނީ

ގުޅިފަޅުގައި 4000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ (ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ) އިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ގުޅިފަޅުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢެއް ކަމަށެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމަށްޓަކައި އިންޑިއާގެ އެގްޒިމް ބޭންކާއެކު ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މިވަގުތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަވާލުކޮށްގެން 3460 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

ސައިޓުތަކުގައި ޢަމަލީ މަސައްކަތް ފެށުމުގައި ލަސްތަކެއް އުޅޭކަމަށް ފެންނަ ސަބަބު ބަޔާންކުރައްވަމުން ނާޒިމް ވިދާޅުވީ، ސައިޓުގައި ޢަމަލީގޮތުން މަސައްކަތް ފެށުމުގެ ކުރިން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުންނަ ކަމަށެވެ. ނަމަވެސް އެ މަރުޙަލާތައް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން، ހުޅުމާލެ ފޭސް 1 ގައި އަޅާ ފްލެޓްތަކުގެ ޓަވަރުތަކުގެ ޢަމަލީ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށާއި، ހުޅުމާލެ ފޭސް 2 ގައި އަޅާ ފްލެޓްތަކުގެ ފައިނަލް ޑިޒައިންތައް އެޕްރޫވްކޮށް ނިމި، މިހާރު އޮތީ ޢަމަލީ މަސައްކަތް ފެށުމުގެ މަރުޙަލާގައި ކަމަށް ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ އެއް މަސައްކަތެވެ.

މިއަދު އޮންލައިން