މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ރާއްޖޭގެ މަސްވެރިންނަށް އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ސަރުކާރުން ދޫކުރަމުންދާ ތެލުގެ ސަބްސިޑީއަށް އެދުމާއި ދޫކުރުމުގެ އެންމެހައި ކަންކަން "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ކުރިއަށްގެންދާ ގޮތަށް ލާޒިމްކޮށްފިއެވެ.
މެދުއިރުމަތީ ހަނގުރާމައާ ގުޅިގެން ދޫކުރާ ތެލުގެ ސަބްސިޑީއަކީ މިވަގުތު މަސްވެރިކަމުގެ ލައިސަންސް ލިބިގެން ހަރަކާތްތެރިވާ އުޅަނދުފަހަރަށް ދޫކުރަމުންދާ އިނާޔަތެކެވެ. މީގެކުރިން މިއީ "ފަހިހަކަތަ" ޕްރޮގްރާމާ ވަކިން، ޕޯޓަލުން ރިކުއެސްޓެއް ފޮނުވުމަކާ ނުލައި ދޫކުރަމުންދިޔަ ސަބްސިޑީއެއް ނަމަވެސް، ތެލުގެ ސަބްސިޑީ ދޫކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް އޮތްތަނުގައި އެކަން ހަމަޖެހިގެންދާނީ ފަހިހަކަތަ ޕޯޓަލް މެދުވެރިކޮށެވެ.
މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް 22 އޭޕްރީލް 2026 އިން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުން އެފް.އެސް.އެމްގެ ޝެޑް ގާއިމުކޮށްފައިވާ ހުރިހާ ހިސާބަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
އެހެންކަމުން، މިނިސްޓްރީގެ "ފަހިހަކަތަ" ޕޯޓަލްގައި ރަޖިސްޓްރީވެފައިނުވާ ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެހާ އުޅަނދުފަހަރުން 15 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް މި ޕޯޓަލްގައި ރަޖިސްޓްރީވުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.