ބޭރުފައިސާ މާރުކުރުމުގެ ޤާނޫނަށް ބަދަލު ގެނައީ ދިރާސާތަކަށްފަހު: ރައީސް މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
ބޭރުފައިސާ މާރުކުރުމުގެ ޤާނޫނަށް ބަދަލު ގެނައީ ދިރާސާތަކަށްފަހު: ރައީސް މުޢިއްޒު

ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެނެވުނު ބަދަލަކީ ތަފާސްހިސާބުތަކަށް ބައްލަވައި، ކަމާ ގުޅޭ ގިނަ ދިރާސާތަކެއް ކުރެއްވުމަށްފަހު ގެންނެވި ބަދަލެއް ކަމަށާއި، މި ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ޤާނޫނު ތަންފީޒުކުރުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ 7 ބިލެއް ތަސްދީޤުކުރެއްވުމަށްޓަކައި ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބޭރުފައިސާގެ ޤާނޫނަށް ގެނެވުނު ދެވަނަ އިޞްލާޙުގެ ދަށުން، ރިސޯޓުތަކަށް ލިބޭ ބޭރުފައިސާގެ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ޤާއިމުކުރެވިފައިވާ ބޭންކް އެކައުންޓަކަށް ޖަމާކޮށް، މާރުކުރުން ވަނީ ލާޒިމްކޮށްފައެވެ. މި ބަދަލާ ގުޅިގެން، ރިސޯޓުތަކުގެ ޚަރަދުތައް ބެލެހެއްޓުމަށާއި އާމްދަނީއަށް ދަތިވާނެ ކަމަށް ބައެއް ރިސޯޓު ވިޔަފާރިތަކުން ފާހަގަކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

ނަމަވެސް، މި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ބަދަލަކީ ފުންކޮށް ވިސްނައި، ހޯދިފައިވާ ތަފާސްހިސާބުތަކުގެ އަލީގައި ގެނެވުނު ބަދަލެއް ކަމަށެވެ. އަދި އާމްދަނީގެ 40 އިންސައްތަ މާރުނުކުރެވޭނެ އެއްވެސް ރިސޯޓެއް މިހާރު ރާއްޖޭގައި ނުހިންގާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެމަނިކުފާނަށް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ބޭރުފައިސާ މާރުކުރުން ލާޒިމްކުރުމަށް ޤާނޫނަށް މި ބަދަލު ގެންނަންޖެހުނު މައިގަނޑު ސަބަބުތައް ބަޔާންކޮށްދެއްވަމުން، އެމަނިކުފާނު ވަނީ މި ދާއިރާގެ ބައެއް ތަފާސްހިސާބުތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 5.6 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭއިރު، ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް ވަންނަކަމަށް އަންދާޒާކުރެވެނީ އެންމެ 3.8 ބިލިއަން ޑޮލަރު ކަމުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޤައުމުގެ އިޤްތިޞާދީ ދުޅަހެޔޮކަމާއި މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން ފަސްޖެހުމެއްނެތި ޤާނޫނުތައް ތަންފީޒުކުރައްވަމުން ގެންދަވާނެ ކަމަށެވެ.

މިއަދު އޮންލައިން