ދިވެހިރާއްޖޭގެ ޓެކުހާ ގުޅޭ ކުށާއި އަދަބުތައް އިސްލާހުކުރުމަށްޓަކައި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ހުށަހެޅި މުހިންމު އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ހުށަހެޅުއްވި މި ބިލު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި އިސްލާހުތައް ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ޓެކްސް ބަޔާން ހުށަނާޅާ ހާލަތްތަކުގައި، އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައެޅުމުގެ އިޚުތިޔާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދިނުމާއި، އެކަމާ ގުޅޭ އުޞޫލުތައް ޤާނޫނުގައި ސާފުކޮށް ބަޔާންކުރުމެވެ. މީގެއިތުރުން، މީރާއިން ހިންގާ އޮޑިޓްތަކާއި ތަޙުޤީޤުތަކުގެ އިޖުރާއަތުތައް ހަރުދަނާކުރުމާއި، ދައުލަތަށް ލިބެންޖެހޭ ޓެކުހުގެ ފައިސާ ހޯދުމުގައި މީރާއަށް ލިބިދޭ ބާރުތައް މުރާޖާކޮށް، ޓެކްސް ނިޒާމު ހިންގައި ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި އިސްލާހުގެ ދަށުން، ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާއެއް ހޯދުމަށް ޝަރީއަތަށް މައްސަލަ ހުށަހެޅުމުގެ އިޚްތިޔާރު، ކުރިން ބަންޑާރަނައިބަށް އޮތް ނަމަވެސް، މިހާރު ވަނީ ސީދާ މީރާއަށް ދީފައެވެ. އަދި ޓެކުހާ ގުޅޭ އެކި ކުށްތައް އިތުރަށް ތަފްޞީލުކޮށް، އަދަބުތައް ބޮޑުކުރުމުގެ އިތުރުން، މިހާރު ޤާނޫނުގައި ނުހިމެނޭ ބައެއް ކަންކަން އަލަށް ކުށުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މި ބިލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ނުވަތަ އެ އޮފީހުގެ އަމުރެއްގެ ދަށުން މަސައްކަތްކުރާ ފަރާތެއްގެ މަސައްކަތަށް ހުރަސްއެޅުމާއި، ބާރުގެ ބޭނުންކުރުމާއި، ރިޝްވަތު ދިނުމާއި، އަނގަބަހުން ނުވަތަ ލިޔުމުން ބިރުދެއްކުން ފަދަ ކަންކަން ކުރުމާއި އެފަދަ ކަމެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި މިފަދަ ކުށެއް ކުރާ ފަރާތެއް 200،000 ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
މީގެއިތުރުން، ޓެކުހާ ގުޅޭގޮތުން ލިބޭ ސިއްރު މައުލޫމާތުތައް ހިފެހެއްޓުމާ ގުޅޭ އުސޫލުތައްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ޤާނޫނު ހުއްދަކުރާ މިންވަރަށް ފިޔަވައި އެހެން މައުލޫމާތުތަކުގެ ސިއްރުކަން ދަމަހައްޓަންޖެހޭނެ ކަމަށާއި، ނަމަވެސް ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި ހިނގާ ޝަރީއަތަކަށް މައުލޫމާތު ހާމަކުރުމަށް މި މާއްދާ ހުރަސްނާޅާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާއި، ދައްކަންޖެހޭ ޓެކުހާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަކީ ސިއްރު ހިފެހެއްޓުމާ ހިލާފު ކަމެއް ނޫން ކަމަށްވެސް މި އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ.