ޕެންޝަން އޮފީހުން އެމް.އެން.ޔޫ ގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ސެކިއުއަރ ޓުމޯރޯ ޕްރޮގްރާމުގެ ސެޝަނެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 12ސ
ޕެންޝަން އޮފީހުން އެމް.އެން.ޔޫ ގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ސެކިއުއަރ ޓުމޯރޯ ޕްރޮގްރާމުގެ ސެޝަނެއް ބާއްވައިފި

ޕެންޝަން އޮފީހުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގެ ދަރިވަރުންނަށް އަމާޒުކޮށްގެން، "ސެކިއުއަރ ޓުމޯރޯ: އަންޑަރސްޓޭންޑިންގް ޕަރސަނަލް ފައިނޭންސަސް އެންޑް ޕްލޭނިންގް އަހެޑް" ޕްރޮގްރާމުގެ ސެޝަނެއް ބާއްވައިފިއެވެ. 

29 އޮކްޓޫބަރު 2026 ވަނަ ދުވަހު އެމް.އެން.ޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ކުރިއަށް ގެންދެވުނު ސެޝަންގެ މައިގަނޑު މަޤްޞަދަކީ، ޒުވާނުންނަށް މާލީ ގޮތުން ރަނގަޅު ނިންމުންތައް ނިންމުމަށާއި، ފައިސާ މެނޭޖުކުރުމަށާއި، މުސްތަޤްބަލަށް ރާވައި ތައްޔާރުވުމަށް ބޭނުންވާ ޢަމަލީ މައުލޫމާތާއި ހުނަރުތައް ފޯރުކޮށްދިނުމެވެ. 

މަސައްކަތުގެ މާޙައުލަށް ވަނުމަށް ތައްޔާރުވަމުންދާ ނުވަތަ ކެރިއަރުގެ ފުރަތަމަ ފިޔަވަޅުތައް އަޅަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ މި ޕްރޮގްރާމްގައި، މާލީ ހޭލުންތެރިކަމުގެ އަސާސްތަކަށް އަލިއަޅުވާލާފައިވެއެވެ. މި ދާއިރާތަކުގެ ތެރޭގައި މާލީ އަމާޒުތައް ކަނޑައެޅުން، ބަޖެޓުކުރުން، ދަރަނި މެނޭޖު ކުރުން، ފައިސާ ރައްކާކުރުން، އިންވެސްޓު ކުރުން އަދި ރިޓަޔަރމަންޓަށް ރާވައި ތައްޔާރުވުން ހިމެނެއެވެ. 

މި ސެޝަންގައި ބައިވެރިންނަށް މާލީ ލަނޑުދަނޑިތައް "ސްމާރޓް" އުޞޫލުން ކަނޑައަޅާނެ ގޮތާއި، ބަޖެޓު ކުރުމާއި، ޚަރަދުތައް މެނޭޖު ކުރުމަށް ޢަމަލީ ގޮތުން ބޭނުން ކުރެވޭނެ އުކުޅުތައް ތަޢާރަފުކޮށްދެވުނެވެ. މީގެ އިތުރުން، ދަރަންޏާއި ކްރެޑިޓްގެ މައްޗަށް އަލިއަޅުވާލައި، ޒިންމާދާރުކަމާއެކު ދަރަނި ނެގުމުގެ މުހިންމުކަން ދަރިވަރުންނަށް އޮޅުންފިލުވައިދިނެވެ. 

މީގެ އިތުރުން، އިންވެސްޓު ކުރުމުގެ އަސާސްތަކަށް އަލިއަޅުވާލައި، ދިވެހިރާއްޖޭގައި އޮތް އިންވެސްޓްމަންޓްގެ ފުރުޞަތުތަކާއި، ފައިސާ ރައްކާކުރުމާއި އިންވެސްޓް ކުރުމާއި ދެމެދު ހުރި ތަފާތުތަކާއި، ކޮމްޕައުންޑް ރިޓަރންސްގެ ސަބަބުން ދުރު ރާސްތާގައި ފައިސާ އިތުރުވެގެންދާނެ ގޮތާއި ބެހޭ މަޢުލޫމާތުވެސް ވަނީ މި ސެޝަންގެ ބައިވެރިންށް ފޯރުކޮށްދެވިފައެވެ. 

ހަމައެއާއެކު، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އާއި ދިވެހިރާއްޖޭގެ ޕެންޝަން ނިޒާމު، އަދި ދުރާލާ ރިޓަޔަރމަންޓަށް ތައްޔާރުވުމުގެ މުހިންމުކަމާ ގުޅޭގޮތުން ބައިވެރިންނަށް ވަނީ މަޢުލޫމާތު ފޯރުކޮށްދެވިފައެވެ. 

މި ޕްރޮގްރާމް ހިމެނެނީ ޒުވާނުންގެ މެދުގައި މާލީ ހޭލުންތެރިކަން އިތުރުކޮށް، މާލީ ގޮތުން ރަނގަޅު ނިންމުންތައް ނިންމުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ، ދުރާލާ ރިޓަޔަރމަންޓަށް ތައްޔާރުވުމުގެ މުހިންމުކަން އުންގަންނައިދިނުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.

މިއަދު އޮންލައިން