އެކި ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއާއި ކުވައިތުން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
އެކި ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއާއި ކުވައިތުން މަޝްވަރާކޮށްފި

ދިވެހިރާއްޖެއާއި ކުވައިތާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ޖައްރާ ޖާބިރު އަލްއަޙްމަދު އަލްޞަބާޙް އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ވަޒީރު ޑރ. ޝަހީމް ކުވައިތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅެކެވެ.

މި ބައްދަލުކުރެއްވުމާ ގުޅިގެން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ކުވައިތުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި، މި ބައްދަލުވުމުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުމާއި އެއްބާރުލުމުގެ ވަރުގަދަ ބަދަހިކަން ކަމަށެވެ.

އަދި ކުވައިތުގެ ވެރިންނާއި ސަރުކާރުން އަދި ރައްޔިތުން ދަމަހައްޓަވާ މާތް ސިޔާސަތުތަކަށާއި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް އިޚްލާޞްތެރި ޝުކުރާއި ތަޢުރީފު އަދާކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައިވާ އަޚުވަންތަ ކަމާއި، މާތް ސިޔާސަތުތަކާއި، އަދި ފައިދާހުރި އެއްބާރުލުމުގެ ސަބަބުން ކުވައިތުގެ ވެރިންނާއި ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އަބަދުވެސް ޚާއްޞަ ޤަދަރަކާއި ލޯތްބެއް ދެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ކުވައިތަށް އަމަންއަމާންކަމާއި، ރައްކާތެރިކަމާއި، ހަމަޖެހުމާއި ފާގަތިކަން މިންވަރުކުރެއްވުމަށާއި، ދެ ޤައުމާއި ދެ ޤައުމުގެ އަޚުވަންތަ ރައްޔިތުންގެ މަޞްލަޙަތު ހިމާޔަތްވާނެހެން ގުޅުން އިތުރަށް ބަދަހިކުރުމުގައި ކާމިޔާބީ މިންވަރުކުރެއްވުމަށް އެދިވަޑައިގެން ދުޢާކުރައްވާފައެވެ.

މިއަދު އޮންލައިން