ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދަވާ ޚާއްސަ މަޝްރޫޢުގެ ދަށުން، ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އައު ގޮތްޕެއް ޅ. ހިންނަވަރުގައި ރަސްމީކޮށް ހުޅުވައިފިއެވެ.
ޅ. ހިންނަވަރުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި ގޮފި ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުލް ޣަފޫރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ އިސްވެރިންނާއި، ހިންނަވަރު ކައުންސިލްގެ މެންބަރުންނާއި އިދާރީ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، ހިންނަވަރު ގޮފީގައި ޤުރްއާން ކިލާސްތައް ރަސްމީކޮށް ފަށައި، އެ ގޮފީގައި އެންރޯލްވެފައިވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ވަފުދުން ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޤުރްއާން އުނގެނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދަރިވަރުންނަށް ހިތްވަރު ދެއްވާފައިވެއެވެ.
މީގެއިތުރުން، ހިންނަވަރު ގޮފީގައި ހިންގުމަށް ހަމަޖެހިފައިވާ ޤުރްއާން ތަޢުލީމުގެ ޕްރޮގްރާމްތައް ފުރިހަމަކަމާއެކު ހަރުދަނާ އުސޫލަކުން ކުރިއަށް ގެންދިއުމަށާއި، އިދާރީ ގޮތުން ކަންކަން ބެލެހެއްޓުމާއި ދެމެހެއްޓެނިވި ގޮތެއްގައި މަރުކަޒު ހިންގުމާ ގުޅޭގޮތުން ހިންނަވަރު ކައުންސިލްގެ އިދާރާއާއި، އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މަންދޫބުންނާއެކު މުހިންމު މަޝްވަރާތަކެއް ވަނީ ބާއްވާފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރްއާނުގެ ޢިލްމު ފެތުރުމަށާއި، ރިވެތިކޮށް ޤުރްއާން ކިޔަވަން ދަންނަ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ސަރުކާރުން އަޅުއްވަމުން ގެންދަވާ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން، ރަށްރަށުގައި ތިބެގެން ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ޤުރްއާން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވެގެންދާނެއެވެ.