ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ރާއްޖޭގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރުން ލާޒިމުވާ ގޮތަށް ކަމާބެހޭ ގަވާއިދު ބަދަލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދު"އަށް ތިންވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގެ ދަށުން، މިހާރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރަ ޖަމާކުރަންޖެހޭނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށެވެ.
ގެނެވުނު އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވަޒީފާގެ އެއްބަސްވުމުގެ ދަށުން ބިދޭސީ މުވައްޒަފުންނަށް ދޭ މުސާރަ ޖަމާކުރަންޖެހޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓަކަށެވެ.
މި ބަދަލާއެކު ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ބިދޭސީ މުވައްޒަފުންނަށް މުސާރަ ދެމުންދާކަން ކަށަވަރުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި މީގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ޖުމްލަކޮށް މުސާރައިގެ ގޮތުގައި ލިބޭ ފައިސާއާއި، ރެމިޓޭންސްގެ ގޮތުގައި އެ މުވައްޒަފުން ރާއްޖެއިން ބޭރުކުރާ ފައިސާގެ ތަފުސީލުތައް އެއްކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.