ރުކުމަޑިއާއި ހުދު ކޫޑި ކޮންޓްރޯލުކުރާ ޕެސްޓިސައިޑް މިހާތަނަށް 38 ރަށަކަށް ފޯރުކޮށްދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ރުކުމަޑިއާއި ހުދު ކޫޑި ކޮންޓްރޯލުކުރާ ޕެސްޓިސައިޑް މިހާތަނަށް 38 ރަށަކަށް ފޯރުކޮށްދީފި

ރުކުމަޑިއާއި ހުދު ކޫޑި ކޮންޓްރޯލުކުރުމަށް ބޭނުންކުރާ ޕެސްޓިސައިޑް މިހާތަނަށް ރާއްޖޭގެ 38 ރަށަކަށް ފޯރުކޮށްދީފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރުކުމަޑި އަދި ހުދު ކޫޑީގެ މައްސަލަ ކުރިމަތިވެފައިވާ ރަށްރަށަށް ޕެސްޓިސައިޑް ބޭނުންވާނަމަ އެކަން އެންގުމަށް އެދި ކައުންސިލްތަކަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި މިހާތަނަށް 62 ރަށަކުން މިތަކެތި ހޯދުމަށް އެދި ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 38 ރަށަކުން މިހާރު ވަނީ ޕެސްޓިސައިޑް ގެންގޮސްފައެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި ހއ.، ހދ. އަދި ށ. އަތޮޅުގެ ރަށްރަށުން ޕެސްޓިސައިޑް ބޭނުންވާނަމަ، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ދިއުމުން އެތަކެތި ލިބެން ހުންނާނެއެވެ. އަދި އެހެނިހެން އަތޮޅުތަކުގެ ރަށްރަށަށް މި ޕެސްޓިސައިޑް ދޫކުރަމުން ގެންދާނީ ދަނޑުވެރިކަމާ ބެހޭ ވުޒާރާއިންނެވެ.

ކޮކޮނަޓް ހިސްޕިޑް ބީޓްލް ނުވަތަ ކުދި ރުކުމަޑި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ، 1999 ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅުގެ ރިސޯޓެއް ކަމަށްވާ ސަން އައިލެންޑް ރިސޯޓުންނެވެ. މި ބާވަތުގެ މަޑިއަކީ ރުއްތަކުގެ ފަންވަތްތައް ހަލާކުކޮށް، ރުއްތަކުގެ ހެދިބޮޑުވުމަށް ބޮޑެތި ހުރަސްތަކެއް އަޅާ ގެއްލުންދެނިވި ސޫތްޕެކެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޗައިނާ ސަރުކާރުގެ އެހީގައި ދިރާސާތަކެއް ކޮށް، ރުކުމަޑި ނައްތާލާ ޚާއްޞަ ސޫތްޕެއް ވަނީ ހޯދާފައެވެ. އަދި މި ސޫފި ރާއްޖޭގައި އާލާކުރުމަށްޓަކައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި 'ޕާމް ޕެސްޓް ބަޔޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު' ޤާއިމްކޮށް، އެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިއަދު އޮންލައިން