ގެދޮރު ބިނާކުރުމަށް ސަރުކާރުން ތައާރަފުކޮށްފައިވާ "ހިޔާވެހި" ފައިނޭންސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 244 މީހުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް ބިނާރާއި އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، "ހިޔާވެހި" ސްކީމުގެ ފުރަތަމަ ބުރުގައި 891 މީހުންނަށް މި ޕްރޮގްރާމުގެ ތެރެއިން މާލީ އެހީ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން، މިހާތަނަށް 244 މީހުންނަށް ފައިސާ ހަމަޖައްސައި ލޯނު ދޫކޮށްފައިވާއިރު، ޝަރުތު ހަމަވާ އިތުރު 629 މީހުންނަށް ފައިސާ ދޫކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ފަހުގެ މަރުޙަލާގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ޕްރޮގްރާމަށް ހޮވި، ފައިސާ މިހާތަނަށް ދޫނުކޮށް މިވާ 629 މީހުންނަށްވެސް ކުރިއަށް އޮތް މަހެއްގެ ތެރޭގައި ފައިސާ ދޫކުރުމަށް ދަނީ މަސައްކަތް ކުރަމުން. އަމާޒަކީ، އަހަރު ނިމުމުގެ ކުރިން މުޅި ސްކީމަށް ހޮވުނު 891 މީހުންނަށް ފައިސާ ދޫކޮށް ނިންމުން." ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.