މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 85 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
މިއީ ނިމިދިޔަ އަހަރާ އަޅާބަލާއިރު، ޓެކްސް އުނިކުރުމަށްފަހު އެ ކުންފުންޏަށް ލިބުނު ސާފު ފައިދާގައި 88 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. މިއީ އެމްޓީސީސީގެ މާލީ ހާލަތު ކުރިއަށް ރަނގަޅުވަމުން އަންނަކަން ހާމަކޮށްދޭ ކަމެއް ކަމަށް އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެމްޓީސީސީގެ ވިޔަފާރީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ އިމާރާތްކުރުމާއި ފަޅު ފުންކުރުމުގެ ދާއިރާއިންނެވެ. އެގޮތުން 2024 ވަނަ އަހަރު އެ ދާއިރާއިން 1,721 މިލިޔަން ރުފިޔާ ލިބިފައިވާއިރު، 2025 ވަނަ އަހަރު ވަނީ 1,722 މިލިޔަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. މީގެއިތުރުން ދަތުރުފަތުރުގެ ދާއިރާއިން 2024 ވަނަ އަހަރު 149 މިލިޔަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު ވަނީ 150 މިލިޔަން ރުފިޔާ ލިބިފައެވެ. އަދި ވިޔަފާރި ނުވަތަ ޓްރޭޑިންގ ދާއިރާއިން މި އަހަރު 244 މިލިޔަން ރުފިޔާ ލިބިފައިވާއިރު، 2024 ވަނަ އަހަރު އެ ދާއިރާއިން ލިބިފައިވަނީ 267 މިލިއަން ރުފިޔާއެވެ.
ރިއަލް އެސްޓޭޓް ދާއިރާ އަދިވެސް އޮތީ މަޝްރޫޢުތައް ތަރައްޤީކުރުމާއި މާކެޓުގައި މަގާމު ކަށަވަރުކުރުމުގެ މަރުހަލާގައި ކަމުން، 2024 ވަނަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އެ ދާއިރާއިން އާމްދަނީއެއް ލިބިފައެއް ނުވެއެވެ. އަދި ކުންފުނީގެ އެހެނިހެން މަސައްކަތްތަކުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 19 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ކުރީ އަހަރު ލިބުނު 20 މިލިޔަން ރުފިޔާއާ އަޅާބަލާއިރު ދަށް އަދަދެކެވެ.
2025 ވަނަ އަހަރުގެ އާމްދަނީއަށް ކުޑަ ބަދަލެއް އައި ނަމަވެސް، އެމްޓީސީސީގެ ހިންގުމުގެ ފައިދާ ވަނީ 179 މިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރުގެ 166 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 8 އިންސައްތައިގެ ކުރިއެރުމެކެވެ.