ވިހެއުމަށް ޗުއްޓީތައް ނެގުމުން ޕްރޮމޯޝަން ނުލިބޭ މައްސަލަ ހައްލުކުރަން ސިވިލް ސާވިސް ކޮމިޝަނުން އުސޫލަށް ބަދަލު ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ވިހެއުމަށް ޗުއްޓީތައް ނެގުމުން ޕްރޮމޯޝަން ނުލިބޭ މައްސަލަ ހައްލުކުރަން ސިވިލް ސާވިސް ކޮމިޝަނުން އުސޫލަށް ބަދަލު ގެނެސްފި

ވިހެއުމަށް ޗުއްޓީތައް ނެގުމުން މުވައްޒަފުންނަށް ޕްރޮމޯޝަން ނުލިބޭ މައްސަލަ ހައްލުކުރުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަނުން އުސޫލަށް ބަދަލު ގެނެސްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މި ބަދަލު ގެނެސްފައިވަނީ ދައުލަތުގެ އައު ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލަށެވެ. އެގޮތުން މި އުސޫލުގެ 3 ވަނަ މާއްދާއަށް ޖުމްލަ 6 އިސްލާހެއް ވަނީ ގެނެސްފައެވެ.

ގެނެވުނު އިސްލާހުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، މުސާރައިގެ ކުރިއެރުން ދިނުމުގައި ޖެހިޖެހިގެން ދެ އަހަރުގެ ޕާފޯމަންސް އެޕްރައިޒަލްއިން 85 މާކްސް ހޯދުމުގެ ބަދަލުގައި، މެދުކެނޑުމަކަށްފަހު ވެސް ދެ އަހަރުގެ ޕާފޯމަންސް އެޕްރައިޒަލް އިން 85 މާކްސް ހޯދޭނެ ގޮތަށް ހަމަޖެއްސުމެވެ. ވިހެއުމުގެ ޗުއްޓީގެ އިތުރުން ބޭސްފަރުވާ ކުރުން ފަދަ ދިގު މުއްދަތުގެ ޗުއްޓީތަކަށް ދާ މުވައްޒަފުންނަށް ވެސް ދެން އަމަލުކުރާނީ މި އުސޫލުގެ ދަށުންނެވެ.

މީގެއިތުރުން، މިއަހަރުގެ ޖަނަވަރީމަހު ވެސް ވަނީ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގެ އުސޫލުގެ ތެރެއިން މަގާމުގެ ކުރިއެރުން ހައްގުވާ ތާރީޚުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް އުސޫލު އިސްލާހު ކޮށްފައެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ބަދަލުވެފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދެވޭނީ، މުސާރައިގެ ކުރިއެރުން ދިނުމަށް ކަނޑައަޅާފައިވާ އެންމެހައި ޝަރުތުތަކާއި ކަންތައްތައް ފުރިހަމަވުމުންނެވެ.

މިއަދު އޮންލައިން