2030 ވަނަ އަހަރު އަންނައިރު ރާއްޖޭގެ މާލީ މުއާމަލާތްތައް ދިވެހި ފައިސާއިން ކުރާ ގޮތަށް ބަދަލުތަކެއް ގެނައުމަކީ އަމާޒެއް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރާއްޖޭގައި ޑޮލަރުން ވަރަށް ގިނަ މާލީ މުއާމަލާތްތައް ކުރަމުންދާ ކަމަށާއި، އެމްއެމްއޭގެ އަމާޒަކީ 2030 ވަނަ އަހަރާ ހަމައަށް މިކަމަށް ބަދަލުތަކެއް ގެނައުން ކަމަށެވެ. އަދި ރާއްޖެ ވާން ޖެހޭނީ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއިން ހިންގާ ގައުމަކަށް ކަމަށާއި، މިއީ މީގެ ކުރިން ވަޑައިގެންނެވި ހުރިހާ ގަވަރުނަރުންގެ ވެސް އަމާޒެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑޮލަރުން ކުރާ މުއާމަލާތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ގަވަރުނަރު ވިދާޅުވީ، "މުސާރަތައް ވެސް މިހާރު އެ ދެއްވަނީ މިސާލަކަށް ޓީއެމްްއޭއިން ބެލިކަމުގައި ވިޔަސް އެގޮތަށް ރިސޯޓުތަކަށް ބެލިކަމުގައިވިޔަސް ޑޮލަރުން އިނގޭތޯ އެހެންވީމާ މި ޑޮލަރުން މުސާރަ ދިނުމުގެ ކަންތައްތަކަށް ވެސް ބަދަލުތަކެއް އަންނަން ޖެހޭނެ. އޭރުން ހަގީގަތުގައި ދިވެހި ރުފިޔާއަށް އޮންނަ ޑިމާންްޑު އިތުރުވެގެންދާނީ" ކަމަށެވެ.
މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރަށް ބިމު ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ބޭރު ފައިސާއިން ދައްކަމުންދާ ކަމަށާއި، އެއީ ވެސް ބަދަލުކުރަން ޖެހޭ ކަމެއް ކަމުގައި މުނައްވަރު ވިދާޅުވިއެވެ. އަދި މިވަގުތު ރާއްޖޭގައި ބޭރު ފައިސާ ބޭނުންކުރާ މިންވަރު ހުރީ 40 އިންސައްތައަށް ވުރެ މަތީގައި ކަމަށް ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މާލީ ނިޒާމަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުން ގަވަރުނަރު އިތުރަށް ވިދާޅުވީ، މެކްރޯ ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށާއި، ބަޖެޓުގެ ސިޔާސަތަށް ވެސް ސްޓެބިލައިޒޭޝަން އަންނަން ޖެހޭނެ ކަމަށެވެ. އަދި ވިޝަންއަކީ ރާއްޖޭގައި މެނޭޖްޑް-ފްލޯޓެއް ކަހަލަ ނިޒާމެއް އޮތުން ކަމަށާއި، މެނޭޖްޑް ފްލޯޓަކަށް ދާއިރު ވެސް އެމްއެމްއޭގައި އެކަށީގެންވާ ރިޒާވެއް ހުންނަން ޖެހޭނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.