ހއ. އުލިގަމުގައި އަލަށް ތަރައްޤީކުރާ ޔޮޓް މެރީނާގެ ސަބަބުން، އެ ރަށާއި މުޅި އުތުރުގެ ސަރަޙައްދު ވިޔަފާރި އަދި މުނިފޫހިފިލުވުމުގެ ޔޮޓްތަކުގެ މުހިންމު މަރުކަޒަކަށް ވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވަނީ އުލިގަމުގެ ރައްޔިތުންނަށާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް މަރުޙަބާ ދަންނަވާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މީގެއިތުރުން، މި ޔޮޓް މެރީނާގެ ސަބަބުން ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް ނުހަނު ބޭނުންތެރި، ރައްކާތެރި އަދި ފަސޭހަ ބަނދަރެއް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.