ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ދިނުމަށް ވެރިފިކޭޝަން ނިޒާމެއް ހަދަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ދިނުމަށް ވެރިފިކޭޝަން ނިޒާމެއް ހަދަނީ

ރާއްޖެއަށް ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތެރެއިން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ގުޅިގެން ޚާއްޞަ ވެރިފިކޭޝަން ނިޒާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއިން ވިދާޅުވި ގޮތުގައި މި މަސައްކަތަކީ އެ އޮތޯރިޓީގެ ފޮރިން އެކްސްޗޭންޖް އިންޓަރވެންޝަން ސިޔާސަތުގެ ދަށުން ބޭންކުތަކަށް ވިއްކާ ބޭރު ފައިސާ، ރާއްޖެއަށް ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ސީދާ ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މަސައްކަތެކެވެ. މިގޮތުން ޓީޓީ މެދުވެރިކޮށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުން، އެ މުއާމަލާތާ ގުޅޭ މުދާ ރާއްޖެއަށް އެތެރެކުރާކަން ކަށަވަރުކުރުމަށް މި ނިޒާމު މެދުވެރިކޮށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން، ޒަރޫރީ މުދާ އިމްޕޯޓްކުރާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްދާ ކަމަށްވެސް މަރުކަޒީ ބޭންކުން ވަނީ ހާމަކުރައްވާފައެވެ.

ޒަރޫރީ މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ވެރިފިކޭޝަން ނިޒާމެއް އެކުލަވާލަމުންދާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ 186 މިލިޔަނަށްވުރެ ގިނަ ޑޮލަރު ކަސްޓަމަރުންނަށް ދޫކޮށްފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިޔަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅާބަލާއިރު 12 މިލިޔަން ޑޮލަރު އިތުރު އަދަދެކެވެ.

ހަމައެއާއެކު، ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ޖުމްލަ ގާތްގަނޑަކަށް 570 މިލިޔަން ޑޮލަރު ބޭންކުން ފޯރުކޮށްދީފައިވާއިރު، މިއީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 2.7 މިލިޔަން ޑޮލަރެވެ.

މިއަދު އޮންލައިން