މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށްޓަކައި "އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް" (އޭއައިއެމް) ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި އިންސްޓިޓިއުޓް އިފްތިތާޙުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުގީ އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދެވެ.
އިންސްޓިޓިއުޓް އިފްތިތާޙުކުރުމަށް ބޭއްވި މި ރަސްމިއްޔާތުގެ ތެރެއިން، އެ އިންސްޓިޓިއުޓްގެ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ދަސްވެނިވުންވެސް ވަނީ ބާއްވާފައެވެ. އެގޮތުން "އެއަރޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް" ކޯސް ފުރިހަމަކުރި 29 ދަރިވަރަކަށް ވަނީ ސަނަދު ހަވާލުކޮށްފައެވެ.
މިކަމާ ގުޅިގެން އެމްއޭސީއެލްއިން ބުނެފައިވަނީ، "އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް" އަކީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް ހުޅުވުނު އައު ބާބެއް ކަމަށެވެ. އަދި މި އިންސްޓިޓިއުޓް މެދުވެރިކޮށް، ބައިނަލްއަޤުވާމީ ފެންވަރުގެ ތަމްރީނުތައް ރާއްޖޭގައި ތިބެގެން ފުރިހަމަކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.
މި އިންސްޓިޓިއުޓްގެ މަޤްޞަދަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢަތް ކުރިއެރުވުމަށް ބޭނުންވާ ޤާބިލު މީހުން ބިނާކޮށް، ދާއިރާގެ ފެންވަރު މަތިކުރުމެވެ.