ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އިންތިހާބުކުރުމަށް މިއަދު ނެގި ވޯޓު، ބޮޑު ތަފާތަކުން ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކާމިޔާބުކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން، އެލްޖީއޭގެ ބޯޑަށް 3 މެންބަރަކު އިންތިހާބު ކުރަންޖެހެއެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިހާބުކުރާ މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން އިންތިހާބުކުރާ މެންބަރެކެވެ.
މި އިންތިހާބުގައި ސިޓީ ކައުންސިލްތައް ތަމްސީލުކުރާ ގޮނޑިއަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް އެކަނި ކަމަށްވާތީ، ވޯޓަކާ ނުލައި އޭނާ ވަނީ މީގެކުރިން އެލްޖީއޭގެ ބޯޑަށް އިންތިހާބުވެވަޑައިގެންފައެވެ. އެހެންކަމުން މިއަދު ވޯޓުލުން ކުރިއަށްދިޔައީ ރަށު ކައުންސިލަރުންނާއި ޑަބްލިއުޑީސީތަކުގެ ރައީސުންގެ ތެރެއިން ބޯޑަށް އައްޔަންކުރާ މެންބަރުން ހޮވުމަށެވެ.
އިންތިހާބުގެ ނަތީޖާ ދައްކާގޮތުން، ރަށު ކައުންސިލަރުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް ބޭފުޅަކު އިންތިހާބުކުރުމަށް ނެގި ވޯޓުގައި ޕީއެންސީގެ ކެންޑިޑޭޓަށް ވަނީ 314 ވޯޓު ލިބިވަޑައިގެންފައެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 227 ވޯޓެވެ. މިއާއެކު ޕީއެންސީގެ ކެންޑިޑޭޓު މި ގޮނޑި ކާމިޔާބުކުރެއްވީ ވޯޓުގެ 58.04 އިންސައްތަ ހޯއްދަވައިގެންނެވެ.
މީގެއިތުރުން، މުޅި ރާއްޖޭގެ ހަތަރު އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ އަޣުލަބިއްޔަތު ވޯޓުވެސް މި އިންތިހާބުގައި ކާމިޔާބުކޮށްފައިވަނީ ޕީއެންސީއަށް ނިސްބަތްވާ ކެންޑިޑޭޓެވެ.