އާސަންދަ ނިޒާމަށް ބޮޑު ބަދަލެއް: މުއްސަނދިންނަށް އާސަންދައިގެ ފުލް ކަވަރޭޖް އަންނަ އަހަރުން ފެށިގެން ނުލިބޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 12ސ
އާސަންދަ ނިޒާމަށް ބޮޑު ބަދަލެއް: މުއްސަނދިންނަށް އާސަންދައިގެ ފުލް ކަވަރޭޖް އަންނަ އަހަރުން ފެށިގެން ނުލިބޭނެ!

ދައުލަތުގެ ޞިއްޙީ އިންޝުއަރަންސް ނިޒާމު، އާސަންދަ ހަރުދަނާކޮށް އިސްރާފު ކުޑަކުރުމުގެ ގޮތުން، މަހަކު 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ފަރާތްތަކަށް އަންނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން އާސަންދައިގެ ފުލް ކަވަރޭޖް ނުލިބޭގޮތަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ. އަދި އަމިއްލަ ޞިއްޙީ މަރުކަޒުތަކުން މިފަދަ ފަރާތްތަކުން ޚިދުމަތް ހޯދާއިރު 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ނަގަން ފަށާނެކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ނިންމެވި މި ނިންމެވުމުގެ މައިގަނޑު މަޤުޞަދަކީ އާސަންދަ ނިޒާމުގެ ތެރެއިން ކުރެވޭ އިސްރާފު ހުއްޓުވައި، ދައުލަތުގެ ބަޖެޓަށް ލުއެއް ހޯދައިދިނުމެވެ. ސަރުކާރުގެ މި އިޞްލާޙީ ބަދަލާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން، މިގޮތުން ސަލާމަތްކުރެވޭ ފައިސާ ރައްޔިތުންނަށް އެންމެ ބޭނުންތެރި އަސާސީ އެހެނިހެން ކަންކަމަށާއި އިޖުތިމާޢީ ތަރައްޤީގެ ކަންކަމަށް ހޭދަކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

އާސަންދަ ނިޒާމުގެ ތެރެއިން ކޯ-ޕޭމަންޓު ނެގުމާގުޅޭ އުސޫލު ގެޒެޓުކޮށްފައިވާއިރު، މި ފީ ނެގުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ސަރުކާރުގެ ފެސިލިޓީތައް ފިޔަވައި، އާސަންދަ ސްކީމުގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތް ދޭ ތަންތަނުންނެވެ. އެހެންކަމުން ސަރުކާރުގެ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ އަތުން މިފަދަ އެއްވެސް ފީއެއް ނުނަގާނެއެވެ. މީގެއިތުރުން، ސަރުކާރުގެ ފެސިލިޓީތައް މެދުވެރިކޮށް މިހާރުވެސް ޢަމަލުކުރަމުންދާ އުޞޫލުގެ ދަށުން ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ފޮނުވަންޖެހޭ ޙާލަތްތަކުގައި، އެއްވެސް ކޯ-ޕޭމަންޓެއް ނެގުމަކާ ނުލައި ފުރިހަމަ ޚިދުމަތް ލިބިގެންދާނެއެވެ.

އާމްދަނީ ބޮޑުވި ނަމަވެސް، ޤައުމަށް ބޭނުންތެރި ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށާއި އެފަދަ މުވައްޒަފުން ހިފެހެއްޓުމަށް ބާރުއެޅުމުގެ ގޮތުން ބައެއް ފަރާތްތައް ވަނީ މި އުޞޫލުން އިސްތިސްނާކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ޑޮކްޓަރުންނާއި މެޑިކަލް ދާއިރާގެ ފަންނީ މުވައްޒަފުން، ޕައިލެޓުންނާއި އޭވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުން އަދި އިންޖިނިއަރުންނާއި ސައިންސްގެ ދާއިރާތަކުގެ ފަންނީ މުވައްޒަފުންނެވެ.

ސަރުކާރުން ދެކޭގޮތުގައި މި އައު ބަދަލާއެކު އާސަންދައިގެ ނިޒާމު އިތުރަށް ހަރުދަނާވެ، އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ޙައްޤުވެރި ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު މަގުފަހިވެގެންދާނެއެވެ.

މިއަދު އޮންލައިން