އުރީދޫ ނޭޝަން މުބާރާތުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ބައިވެރިވާ ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް (ޕީއެމްއެންސީ) މޯލްޑިވްސް ފޯލް ނޭޝަނަލް ފައިނަލްސްގައި ރާއްޖޭގެ އެންމެ މޮޅު 16 ޓީމު ވާދަކުރުމަށް ވަނީ ތައްޔާރުވެފައެވެ.
މި ބައިވެރިވުމަކީ ރާއްޖޭގައި އީ-ސްޕޯޓްސްގެ މާހައުލު ކުރިއަރުވައި، ހުނަރުވެރި ދިވެހި ގޭމަރުންނަށް ޤައުމީ ފެންވަރުގެ މުބާރާތްތަކުން ފެށިގެން ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށް އުރީދޫ ނޭޝަނުން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމެކެވެ.
ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕަކީ ޓެންސެންޓް ގޭމްސްއިން އިންތިޒާމުކުރާ މުބާރާތެކެވެ. ރާއްޖޭގައި ބާއްވާ މި މުބާރާތަކީ ދިވެހި ޓީމުތަކަށް ދެކުނު އޭޝިއާގެ ސަރަޙައްދީ މުބާރާތަށް ކޮލިފައިވެ، ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކާ ހަމައަށް ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިދޭ ރަސްމީ މަގެކެވެ.
ނޭޝަނަލް ފައިނަލްސްގެ ދަތުރު ފެށުނީ އިން-ގޭމް ކޮލިފަޔާ މެޗުތަކުންނެވެ. މި މުބާރާތުގައި ގިނަ އަދަދެއްގެ ޓީމުތަކުން ރާއްޖޭގެ އެންމެ މޮޅު ޓީމުތަކުގެ ތެރޭގައި ހިމެނުމަށް ވާދަކުރިއެވެ. މީގެ ތެރެއިން އެންމެ ކުރީގައި އުޅޭ 32 ޓީމު ގްރޫޕް އޮފް 32 އަށް ކޮލިފައިވިއިރު، އެ ޓީމުތައް ބަހާލެވުނީ 16 ޓީމުގެ ދެ ގްރޫޕަކަށެވެ. ވާދަވެރި މެޗުތަކަކަށްފަހު، ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދި އަށް ޓީމަށް ވަނީ ނޭޝަނަލް ފައިނަލްސްއިން ޖާގަ ލިބިފައެވެ.
މިހާރު ނޭޝަނަލް ފައިނަލްސްގައި ވާދަކުރާ 16 ޓީމުގެ މެޗުތައް ކުރިއަށްދާނީ އޮގަސްޓް 14 އަދި 15 ވަނަ ދުވަހު މާލޭގެ ޔޫތު ހަބްގައެވެ. ކޮންމެ ދުވަހަކު ފަސް މެޗާއެކު، ޖުމްލަ 10 މެޗު ކުޅުމަށްފަހު ރާއްޖޭގެ އެންމެ މޮޅު ތިން ޓީމު ކަނޑައެޅިގެންދާނެއެވެ.
އީ-ސްޕޯޓްސްގެ ސަޕޯޓަރުންނަށް މާލޭ ޔޫތު ހަބަށް ގޮސް މެޗުތައް ވަގުތުން ބަލާލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މެޗުތައް ކުރިއަށްދާނީ އޮގަސްޓް 14 އަދި 15 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަދި އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް މުބާރާތް އޮންލައިންކޮށް ވަގުތުން ބަލާލެވޭނެއެވެ
މި މުބާރާތަކީ ހަމައެކަނި ޤައުމީ ތަށި ހޯދުމުގެ މުބާރާތެއް ނޫނެވެ. މޯލްޑިވްސް ނޭޝަނަލް ފައިނަލްސްއިން އެންމެ މޮޅު ތިން ޓީމު ޕީއެމްއެންސީ ސައުތު އޭޝިއާ ރީޖަނަލް ލީގު ސްޓޭޖަށް ކޮލިފައިވާނެއެވެ. އެ ސްޓޭޖުގައި ސަރަޙައްދުގެ އެންމެ މޮޅު 24 ޓީމުގެ ތެރެއިން ގަދަ 16 އަށް ވަނުމަށް ވާދަކުރާނެއެވެ.ރީޖަނަލް ލީގު ސްޓޭޖުން ހޮވޭ 16 ޓީމު ވާދަކުރާނީ ޕީއެމްއެންސީ ސައުތު އޭޝިއާ ގްރޭންޑް ފައިނަލްސްގައެވެ. އަދި އެ މުބާރާތުން އެންމެ މޮޅު ތިން ޓީމަށް ޕަބްޖީ މޮބައިލް ގްލޯބަލް އޯޕަން (ޕީއެމްޖީއޯ) އިން ޖާގަ ލިބޭނެއެވެ.
ޕީއެމްއެންސީ މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރޝިޕް ނެގުމާއެކު، އުރީދޫ ނޭޝަނުން ދަނީ ދިވެހި އީ-ސްޕޯޓްސް އެތުލީޓުންނަށް ރާއްޖެއިން ބޭރުގެ ބައިނަލްއަޤްވާމީ ބޮޑެތި މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމުގެ ދާއިމީ އަދި އިންތިޒާމުވެގެންވާ މަގެއް ތަނަވަސްކޮށްދެމުންނެވެ.