ރިސޯޓުތަކުން ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮންނަ އުސޫލު އުވައިލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 57ސ
ރިސޯޓުތަކުން ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮންނަ އުސޫލު އުވައިލަނީ

ބޭރު ފައިސާގެ ގަވާއިދުގެ ދަށުން ރިސޯޓުތަކުން ބޭރު ފައިސާ މާރުކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

މިހާރު އޮންނަ ގަވާއިދު ބުނާގޮތުން، ރިސޯޓުތަކަށް ބޭރު ފައިސާ މާރުކުރުމުގައި ދެ އިހުތިޔާރެއް އޮވެއެވެ. އެއީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ފައިސާ މާރުކުރުން ނުވަތަ ލިބޭ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރުމެވެ. ނަމަވެސް، އެމްއެމްއޭ އިން ގެންނަ އިސްލާހާއެކު، ބޮލަކަށް 500 ޑޮލަރު މާރުކުރުމަށް އޮތް އިހުތިޔާރު އުވައިލެވޭނެއެވެ. މީގެ ފަހުން ރިސޯޓުތަކަށް އޮންނާނެ ހަމައެކަނި ގޮތަކީ އާމްދަނީގެ 20 އިންސައްތަ މަރުކަޒީ ބޭންކަށް މާރުކުރުމެވެ.

މި ބަދަލު ގެންނަން ނިންމި ސަބަބާ ގުޅޭގޮތުން އެމްއެމްއޭ އިން ބުނީ، މަތީ ފަންތީގެ ގިނަ ރިސޯޓުތަކުން މިހާރު އިހުތިޔާރު ކުރަނީ ބޮލަކަށް 500 ޑޮލަރު މާރުކުރުމަށް ކަމަށެވެ. މީގެ ސަބަބުން، އާމްދަނީގެ ނިސްބަތުން ބަލާއިރު ރިސޯޓުތަކުން ދައުލަތަށް މާރުކުރާ ބޭރު ފައިސާގެ އަދަދު މަދުވާކަން އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

ރިސޯޓުތަކަށް މި ބަދަލު ގެނައި ނަމަވެސް، ގެސްޓުހައުސްތަކުން ބޭރު ފައިސާ މާރުކުރުމުގައި މިހާރު އޮތް އުސޫލަށް، އެބަހީ ބޮލަކަށް ވަކި ރޭޓަކުން މާރުކުރުމަށް ދީފައިވާ އިހުތިޔާރަށް އެއްވެސް ބަދަލެއް ގެނައުމަށް ނުވިސްނާ ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

މީގެ އިތުރުން، ބޭރު ފައިސާގެ ގާނޫނަށް ގެންނަ އަނެއް މުހިންމު ބަދަލަކީ، ރިސޯޓު، ގެސްޓުހައުސް އަދި ސަފާރީތައް ފިޔަވައި ބޭރު ފައިސާއިން އާމްދަނީ ލިބޭ އެހެން ވިޔަފާރިތަކުން ޑޮލަރު މާރުކުރުން ލާޒިމުވާ އާމްދަނީގެ މިންވަރަށް ގެންނަ ބަދަލެވެ. މިހާރުގެ ގާނޫނު އޮންނަ ގޮތުން އަހަރަކު 15 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ވިޔަފާރިތަކުން ފައިސާ މާރުކުރަން ޖެހޭއިރު، އާ އިސްލާހާއެކު އެ އަދަދު 25 މިލިއަން ޑޮލަރަށް ބޮޑުކުރެވޭނެއެވެ.

އެމްއެމްއޭ އިން އިތުރަށް ބުނި ގޮތުގައި، ރިސޯޓުތަކުން އެ އޮތޯރިޓީއަށް ރިޕޯޓުކުރަންޖެހޭ މައުލޫމާތުތައް ވެސް ދެން އިތުރުވާނެއެވެ. އެގޮތުން، ރިސޯޓުތަކުން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ ތަފްސީލާއި، އެ ވިޔަފާރިތަކަށް ގެންނަން ރޭވިފައިވާ ބޭރުގެ އިންވެސްޓުމެންޓުތަކުގެ މައުލޫމާތު ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކާ ހިއްސާކުރުން ލާޒިމުވާނެއެވެ.

މި ފިޔަވަޅުތަކަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކޮށް، އިގްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން