މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ދިވެހި ފުލުހުން ހިންގި އެކި އޮޕަރޭޝަންތަކުގައި ޖުމްލަ 144.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުންނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ މިއަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ޖުލައި 31 ގެ ނިޔަލަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުނު މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަންތަކުން ހޯދިފައިވާ ތަކެއްޗެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކަކީ ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ބަލަމުން އައިސްފައިވާ މައްސަލަތަކެއް ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި، 2024 އިން 2028 އަށް އެކުލަވައިލާފައިވާ ފުލުހުންގެ އެކްޝަން ޕްލޭންގައިވެސް މިކަމަށް މުހިންމު އިސްކަމެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުސްލިމް ހާމަކުރެއްވި ގޮތުގައި، ގްރޭޓަރ މާލެ ސަރަހައްދާއި ދެކުނާއި އުތުރުގެ ޕޮލިސް ރީޖަންތައް ހިމެނޭހެން ޖުމްލަ 1,141 އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މިއީ އެވްރެޖްކޮށް ދުވާލަކު 5 އޮޕަރޭޝަނެވެ. މި މުއްދަތުގައި މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 1,875 މީހުން ހައްޔަރުކޮށްފައިވާއިރު، މިއީ ދުވާލަކު 8 މީހުންގެ ނިސްބަތެކެވެ. މީގެ އިތުރުން ޝައްކުކުރެވިގެން 23,249 ފަހަރު މީހުން ބަލައި ފާސްކޮށްފައިވެއެވެ. އެއީ ދުވާލަކު އެވްރެޖްކޮށް 110 މީހުންނެވެ.
ތަންތަން ބަލައި ފާސްކުރުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 7,309 ފަހަރު އެކި ތަންތަން ފާސްކޮށްފައިވެއެވެ. އެއީ ދުވާލަކު ގާތްގަނޑަކަށް 34 ތަނެވެ. ފާއިތުވި 7 މަސްދުވަހު އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މާލެ ސަރަޙައްދުންނެވެ.
އަތުލައިގަތް ތަކެތީގެ ތަފްސީލަށް ބަލާއިރު:
- މާލެ ސަރަޙައްދުން: 137.85 ކިލޯ
- ދެކުނުގެ އަތޮޅުތަކުން: 3.06 ކިލޯ
- އުތުރުގެ އަތޮޅުތަކުން: 3.45 ކިލޯ
މި ތަކެއްޗާއެކު ޖުމްލަ 144.34 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު، ޖުމްލަ 1,856 ފުޅި ބަނގުރާވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.