ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގެ މަސައްކަތްތައް ޒަމާނީކޮށް، ޑިޖިޓަލައިޒް ކުރުމަށް ފަށާފައިވާ "ޕީޖީއޯ 2.0" މަޝްރޫޢުގެ ފުރަތަމަ 100 ދުވަސް ނިމުމުގެ ކުރިން، އެ އޮފީހުގެ ހުރިހާ މުވައްޒަފުންނަށް މަސައްކަތަށް ބޭނުންވާ މޯބައިލް ޑިވައިސްތައް ފޯރުކޮށްދޭނެކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީޖީއޯ 2.0 މަޝްރޫޢު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ޢައްބާސް ޝަރީފް ވިދާޅުވީ، މިހާރު އެ އޮފީހުގައި ތިބި 199 މުވައްޒަފުންގެ ތެރެއިން 149 މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ބޭނުންވާ މޯބައިލް ޑިވައިސްތައް ފޯރުކޮށްދީފައި ނުވާ ކަމަށެވެ. ނަމަވެސް، މި މަޝްރޫޢުގެ ދަށުން އެ ހުރިހާ މުވައްޒަފުންނަށް ޑިވައިސްތައް ލިބުމުން، ކޮންމެ ތަނެއްގައި ހުރެގެންވެސް މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިވެ، އިތުރުގަޑީގައި އޮފީހަށް ނުނިކުމެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން އޮފީހުގެ ސަލާމަތީ ކަންކަމަށް ގެނެވޭ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ޕީޖީ ވިދާޅުވީ، އޮފީހުގެ ކްރިޓިކަލް 60 ސިސްޓަމެއް ހުރި ނަމަވެސް، މިހާތަނަށް އޭގެ ބެކްއަޕެއް އޮފީހުން ބޭރުގައި ރައްކާކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި އެ ހުރިހާ ބެކްއަޕެއް އޮފީހުން ބޭރަށް ނެރެ، ރައްކާތެރި ސޮވެރިން ސިސްޓަމެއްގެ ތެރޭގައި ގާއިމުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ރަށްރަށުގެ ކޯޓުތަކަށް މައްސަލަ ހުށަހެޅުމުގައި ކަރުދާސް ބޭނުންކުރާ އުސޫލުވެސް މި މަޝްރޫޢާއެކު ނިމުމަކަށް އަންނާނެ ކަމަށް ވިދާޅުވިއެވެ.
ޕީޖީ ޢައްބާސް ޝަރީފް އިތުރަށް ވިދާޅުވީ، 2028 ވަނަ އަހަރަށް މި މަޝްރޫޢު އެއްކޮށް ނިމޭއިރު، ޕީޖީ އޮފީސް ވެގެންދާނީ ޤާނޫނު ހުއްދަކުރާ އެންމެ މަތީ މިންވަރަށް ޕްރޮސިކިއުޝަންގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރެވިފައިވާ ތަނަކަށެވެ. މިއާއެކު، މައްސަލަތައް ކޯޓަށް ހުށަހެޅުމުގެ ބާރުމިން މިހާރަށްވުރެ 60 އިންސައްތަ އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޕީޖީ ވިދާޅުވީ، "އޭއައިއާއެކު، މިސާލަކަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) ފޮނުވާ 25 ފައިލް ދިރާސާކުރަން މިހާރު ނަގާ 2 ނުވަތަ 3 މަސްދުވަހުގެ މަސައްކަތް، އެންމެ ދުވަހެއްގެ ތެރޭގައި ނިންމާލެވޭނެ" ކަމަށެވެ. މިއީ އިންސާނުންގެ ބާރު ކަނޑުވާލުމަށް ކުރާ ކަމެއް ނޫން ކަމަށާއި، އޭއައި ބޭނުންކުރާނީ ޕްރޮސެކިއުޓަރުންނަށް އެހީތެރިވުމަށް ކަމަށާއި، މައްސަލަތަކުގައި ގޮތް ނިންމާނީ ހަމަ ޕްރޮސެކިއުޓަރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.