ފެނަކައިގެ ޚާއްޞަ އޮޑިޓުން ފާހަގަވި ކަންކަން ތަހުގީގުކުރުމަށް މަޖިލީހުން ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ފެނަކައިގެ ޚާއްޞަ އޮޑިޓުން ފާހަގަވި ކަންކަން ތަހުގީގުކުރުމަށް މަޖިލީހުން ފާސްކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ "މުދަލާއި ޚިދުމަތް ހޯދުން، ކުންފުނީގެ މާލީ ޙާލަތާއި ހިސާބުތައް ބެލެހެއްޓުމާގުޅޭ ޚާއްޞަ އޮޑިޓް" ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި މައްސަލަ މަޖިލީހުން ފާސްކޮށްފައިވަނީ، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ފެނަކައިން މުދަލާއި ޚިދުމަތް ހޯދުމާއި، މާލީ ޙާލަތު އަދި ހިސާބުތައް ބަލަހައްޓާފައިވާ ގޮތުގެ މައްޗަށް އެކުލަވާލާފައިވާ އޮޑިޓް ރިޕޯޓު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު ހުށަހެޅި ރިޕޯޓަށް ބިނާކޮށެވެ. މާލިއްޔަތު ކޮމިޓީން މި މައްސަލަ ދިރާސާކުރުމަށްފަހު، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށްޓަކައި ޖުމްލަ 36 ހުށަހެޅުމެއް ވަނީ ހުށަހަޅާފައެވެ.

އޮޑިޓް ރިޕޯޓުން ފާހަގަކުރެވިފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، 2021 އިން 2023 އަށް އެ ކުންފުންޏަށް މާލީގޮތުން ބޮޑެތި ގެއްލުންތަކެއް ވާނެހެން ކުންފުނީގެ ގަވާއިދުތަކާ ޚިލާފަށް ގިނަ އަމަލުތަކެއް ހިންގާފައިވުމެވެ. މީގެ އިތުރުން، އެކި މަޝްރޫޢުތައް ހިންގުމުގައި އޭރު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅާގެ އާއިލީ ގުޅުންހުރި ކުންފުނިތަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ގިނަ އަދަދެއްގެ މަޝްރޫޢުތައް ހަވާލުކޮށްފައިވާކަން ވެސް އޮޑިޓުން ވަނީ ހާމަވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި، މި ރިޕޯޓު ފާސްކުރުމާއެކު، އޮޑިޓުން ފާހަގަވި ޖިނާއީ ކުށުގެ ތުހުމަތުތައް ބެލުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކުން ވަރަށް އަވަހަށް ފަށާނެ ކަމަށް ބެލެވެއެވެ. މި ފިޔަވަޅަކީ ދައުލަތުގެ ކުންފުނިތަކުން ގެއްލިފައިވާ ރައްޔިތުންގެ ފައިސާ ހޯދުމަށާއި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން