ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު 500 އަށްވުރެ ގިނަ މީހުންނާ ބިން ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު 500 އަށްވުރެ ގިނަ މީހުންނާ ބިން ހަވާލުކޮށްފި

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 500 އަށްވުރެ ގިނަ މީހުންނާ ބިން ހަވާލުކޮށްފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ 560 ފަރާތަކަށް ވަނީ ގޯތި ހަވާލުކޮށްފައެވެ. މިއީ އެ ސަރަހައްދުން ގޯތި ލިބުނު މީހުންގެ ޖުމުލަ އަދަދަށް ބަލާއިރު ގާތްގަނޑަކަށް 80 އިންސައްތަ މީހުންނެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭން (LUP) އަށް ގެނެވުނު ބަދަލުތަކާ ގުޅިގެން، ކުރިން ގޯތި ލިބިފައިވާ 698 ފަރާތެއްގެ ގޯތިތައް އޮތް ސަރަޙައްދަށް ވަނީ ބަދަލު އައިސްފައެވެ. މި ބަދަލާ ގުޅިގެން ގޯތި އޮންނަ ސަރަޙައްދު ނުވަތަ ޕްލޮޓް ކަނޑައެޅުމަށްޓަކައި އަލުން ގުރުއަތު ނެގުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބިންތައް ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރޗް މަހުގެ 26 ވަނަ ދުވަހުއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގޯތި ހަވާލުކުރުމުގެ މަރުހަލާ ކުރިއަށްދަނީ ވެރިފަރާތުން ގޯތީގެ ރަޖިސްޓަރީއަށް އެދުމުން، އެ ރަޖިސްޓަރީ ތައްޔާރުކޮށް ހަވާލުކުރާ އުސޫލުން ކަމަށެވެ. އަދި ބާކީ ހުރި ގޯތިތައްވެސް ވީހާވެސް އަވަހަކަށް ހަވާލުކޮށް ނިންމުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

މި ސަރުކާރުގެ އަމާޒަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަވަސްކޮށް، ރައްޔިތުންނަށް ލިބެންޖެހޭ ބިންތަކާއި ފްލެޓްތައް ވީހާވެސް އަވަހަކަށް ހަވާލުކުރުން ކަމަށް ސަރުކާރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

މިއަދު އޮންލައިން