ވަޤުފުކުރުމާއި ޞަދަޤާތްކުރުމަށް ޚާއްޞަކޮށްގެން ޤާއިމުކޮށްފައިވާ އޮންލައިން ލިންކުތަކުން، މިއަހަރުގެ މިހާތަނަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް ވިދާޅުވީ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޤުފު ފަންޑު ތަރައްޤީކޮށް، މީރާގެ ވެބްސައިޓު މެދުވެރިކޮށް ފަސޭހަކަމާއެކު ވަޤުފުކުރުމާއި ޞަދަޤާތްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުން އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް ނަގުދު ފައިސާ ވަޤުފު ކުރެވޭނެ މި ނިޒާމު ޤާއިމުކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.
މި ފަންޑަށް ލިބޭ ފައިސާ ޚަރަދުކުރުމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އެ ފައިސާ ބޭނުންކުރަމުންދަނީ ވަޤުފު ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓްގައި ބަޔާންވެގެންވާ ކަންކަމަށް، ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަތިން ކަމަށެވެ.
ދީނީ ކަންތައްތައް ކުރިއެރުވުމަށް އެހީވާ ވަޤުފު ފަންޑަކީ ވަރަށް މުހިއްމު މަޤްޞަދުތަކެއްގައި އުފައްދާފައިވާ ފަންޑެކެވެ. އޭގެ ތެރޭގައި އިސްލާމީ ދަޢުވަތު ފެތުރުމާއި، އިސްލާމީ ތަޢުލީމު ދިނުމާއި، އިސްލާމީ ޙަޟާރަތު ކުރިއެރުވުމުގެ އިތުރުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުން ހިމެނެއެވެ. މީގެ އިތުރުން، މިސްކިތްތަކާއި ނަމާދުކުރާ ތަންތަން ބިނާކުރުމާއި، މަރާމާތުކުރުމުގެ މަސައްކަތްތަކަށްވެސް މި ފަންޑުން އެހީތެރިކަން ފޯރުކޮށްދެއެވެ.
މި ފަންޑުގެ އެންމެ މުހިއްމު އެއް އަމާޒަކީ ޝަރީޢާ ހުއްދަކުރާ (ޝަރީޢާ ކޮމްޕްލައެންޓް) އިންވެސްޓްމަންޓްތަކުގައި ފައިސާ އިންވެސްޓްކޮށްގެން، އޭގެ ނަފާ މެދުވެރިކޮށް ދާއިމީ ގޮތެއްގައި އިސްލާމީ އަގުތައް ފެތުރުމަށާއި މުޖުތަމަޢަށް ޚިދުމަތްކުރުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ވަޤުފު ފަންޑު އިތުރަށް ފުޅާކޮށް، އިސްލާމީ ކަންތައްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.