ދިވެހިރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި) ކާމިޔާބުކަމާއެކު ގުޅާލައި، ބޯޑަރު ހުރަސްކޮށް ވަގުތުން ފައިސާ ފޮނުވުމުގެ ތާރީޚީ ޚިދުމަތް ފަށާފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިޢުލާނުކޮށްފިއެވެ.
މިއީ ރާއްޖޭގެ ފަވަރަ ސިސްޓަމް ބޭރުގެ ޕޭމަންޓް ސިސްޓަމަކާ ގުޅާލެވުނު
މި ފުރަތަމަ ފަހަރެވެ. މި ޚިދުމަތުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ކުރެވޭ މާލީ މުޢާމަލާތްތަކަށް ބޮޑު ކުރިއެރުމެއް ލިބި، ރާއްޖޭގެ އެތެރޭގެ މުޢާމަލާތްތަކެކޭ އެއްފަދައިން ބޯޑަރު ހުރަސްކޮށް އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވުމުގެ މަގު މިވަނީ ފަހިވެފައެވެ.
އެމްއެމްއޭ އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ، މި ޚިދުމަތް މެދުވެރިކޮށް ދިވެހި ރުފިޔާއިން ފޮނުވާ ފައިސާ، ޔޫ.ޕީ.އައި މެދުވެރިކޮށް އިންޑިއާގައި ހުންނަ ފަރާތަށް ލިބޭނީ އިންޑިއަން ރުޕީސްއިން ކަމަށެވެ. ޚިދުމަތުގެ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ (P2P) މުޢާމަލާތްތަކެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ވިޔަފާރިތަކަށް ފައިސާ ދެއްކުމަށް ކުރާ (P2M) މުޢާމަލާތްތަކަށް މި ޚިދުމަތް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޚިދުމަތުގެ ފުރަތަމަ މަރުހަލާގައި ބައިވެރިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ. މި ދެ ބޭންކުގެ ކަސްޓަމަރުންނަށް ބޭންކުގެ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް، އިންޑިއާގެ ޔޫ.ޕީ.އައި އާ ގުޅިފައިވާ ކޮންމެ ބޭންކް އެކައުންޓަކަށް ފަސޭހަކަމާއެކު ވަގުތުން ފައިސާ ފޮނުވޭނެއެވެ.
މި މަޝްރޫޢަކީ އެމްއެމްއޭ އާއި، ރިޒާވް ބޭންކް އޮފް އިންޑިއާ، އެން.ޕީ.ސީ.އައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑްގެ އިތުރުން ދެ ޤައުމުގެ މާލީ އިދާރާތަކާއި ކަމާގުޅޭ އެންމެހައި ފަރާތްތަކުގެ ބޮޑު އެއްބާރުލުމަކާއެކު ނިންމާލެވުނު މަސައްކަތެކެވެ. މީގެ ސަބަބުން އާއިލާތަކާއި އަމިއްލަ ފަރުދުން ބޭރަށް ފޮނުވާ ފައިސާގެ މުޢާމަލާތްތައް އަވަސްވެ، ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެއެވެ.
މުސްތަޤުބަލުގައި މި ޚިދުމަތް އިތުރަށް ތަރައްޤީކޮށް، ކިއު.އާރު ކޯޑު މެދުވެރިކޮށް ވިޔަފާރިތަކަށް ފައިސާ ދެއްކުމާއި ޑިޖިޓަލް ޕޭމަންޓްގެ އިތުރު ވަސީލަތްތައް ތަޢާރަފުކުރުމަށް ވަނީ ރޭވިފައެވެ. މި ތާރީޚީ ކާމިޔާބީ ހާސިލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި އިންޑިއާ ސަރުކާރުން ދެއްވި އިރުޝާދާއި އެއްބާރުލުމަށް އެމްއެމްއޭ އިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ހަބަރު: ސަރުކާރު