އަސާސީ ކާބޯތަކެތީގެ އަގުތައް އެއްތަނަކުން ބަލާލެވޭ "އަގުމަގު" ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ފިހާރަތަކަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި ޕޯޓަލްގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް އަސާސީ ކާބޯތަކެތި އަގުހެޔޮކޮށް ފޯރުކޮށްދިނުމާއި، ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ފަސޭހަކަމާއެކު ބެލޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު ލޯންޗުކުރި މި ޕޯޓަލްގައި މީގެ ކުރިން ފެންނަން ހުރީ ހަމައެކަނި މާލޭގެ ފިހާރަތަކުގެ އަގުތަކެވެ. ނަމަވެސް، ވިޔަފާރިއާ ބެހޭ ވުޒާރާއިން މިހާރު ވަނީ "އަގުމަގު" އެޕް ތަޢާރަފްކޮށް، އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކަން ހުންނަ ތަކެތީގެ އަގުތައް ވެސް ފެންނާނެ ގޮތް ހަދާފައެވެ. މީގެ ސަބަބުން މުޅި ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ހުރި މީހަކަށް ވެސް އެ ސަރަޙައްދެއްގެ އަގުތައް ބަލާލެވޭނެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޕޯޓަލްގައި ރަޖިސްޓްރީވުމުން ރާއްޖޭގެ ހުރިހާ ރަށަކުން ވިޔަފާރިކުރާ އެތައް ހާސް ކަސްޓަމަރުންނަކަށް، ފިހާރައިގައި ހުރި މުދަލުގެ އަގުތަކާއި ސްޓޮކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށެވެ. ޕޯޓަލްގައި ރަޖިސްޓްރީވުމަށް ބޭނުންވާ ވިޔަފާރިތަކަށް agumagu.trade.gov.mv ލިންކު މެދުވެރިކޮށް ނުވަތަ ކިޔުއާރު ކޯޑު ސްކޭންކޮށްލައިގެން އެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
މި ޕޯޓަލްގައި ހިމަނާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓަކީ ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެކެވެ. ވުޒާރާއިން ވިދާޅުވި ގޮތުގައި، މި އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އަގުތައް އެއް ތަނަކުން ފެންނަން ހުރުމަކީ ވިޔަފާރިވެރިންނަށާއި ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.