އުރީދޫ އެޕް މެދުވެރިކޮށް ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތް މިހާރު ލިބޭނެ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 51ސ
އުރީދޫ އެޕް މެދުވެރިކޮށް ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތް މިހާރު ލިބޭނެ

އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިޢުލާނުކުރި ގޮތަށް، އުރީދޫ އެޕް މެދުވެރިކޮށް ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތަށް ސަބްސްކްރައިބް ކުރެވޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ. ކޯލްކުރާ ފަރާތްތައް ދެނެގަތުމާއި ސްޕޭމް ކޯލްތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ކުރީގައިވާ ޓްރޫކޯލާއާއެކު ވެވުނު މި ޚާއްސަ ޕާޓްނަޝިޕްގެ ދަށުން، އުރީދޫގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މި ޚިދުމަތް ބޭނުންކުރެވޭނެއެވެ.

އޮޅުވާލައިގެން ކުރާ ކޯލްތަކާއި، ސްޕޭމް އަދި ނޭދެވޭ ކޯލްތައް މުޖުތަމައުގައި އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޓްރޫކޯލާ ޕްރީމިއަމްގެ އެޑްވާންސް ފީޗަރތަކުގެ އެހީގައި ކަސްޓަމަރުންނަށް އެފަދަ ކޯލްތަކާއި މެސެޖުތައް ފުރިހަމައަށް ކޮންޓްރޯލް ކުރެވޭނެއެވެ. މީގެ ތެރޭގައި އެޑްވާންސްޑް ސްޕޭމް އެންޑް ސްކޭމް ޕްރޮޓެކްޝަން، ޕްރޮފައިލް ބެލި ފަރާތްތައް ދެނެގަތުމަށް ލިބޭ 'ހޫ ވިއުޑް މައި ޕްރޮފައިލް' އަދި އެހެން މީހުންނަށް ނޭނގޭ ގޮތަށް ޕްރޮފައިލް ބެލޭނެ 'އިންކޮގްނިޓޯ މޯޑް' ހިމެނެއެވެ. މީގެ އިތުރުން އެއްވެސް އިސްތިހާރަކާ ނުލާ އެޕްލިކޭޝަން ބޭނުންކުރުމުގެ ފުރުސަތާއި ޚާއްސަ ޕްރީމިއަމް ބެޖެއްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

މި ޚިދުމަތާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޝާދީ ޤަވާސްމީ ވިދާޅުވީ، "ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިތުރު ފަސޭހަކަމާއި، ރައްކާތެރިކަމާއި، ހަމަޖެހުން ގެނެސްދޭ ފީޗަރުތަކާއެކު ޓްރޫކޯލާގެ ޕްރީމިއަމް ތަޖުރިބާ ފޯރުކޮށްދެވޭތީ އަޅުގަނޑުމެން އުފާކުރަން. މި އެއްބަސްވުން ރަމްޒުކޮށްދެނީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ރައްކާތެރި، ވިސްނުންތެރި އަދި ފަސޭހަކޮށްދޭނެ އީޖާދީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް،" ކަމަށެވެ.

ޓްރޫކޯލާގެ ވައިސް ޕްރެޒިޑެންޓް ޕްރީމިއަމް ޕްރޮޑަކްޓްސް ޒޭވިއާ ޓްރޫވޭ ވިދާޅުވީ އުރީދޫއާއެކު ވެވުނު މި ބައިވެރިވުމުގެ ސަބަބުން، އިތުބާރުހުރި ގޮތެއްގައި ކޯލްކުރާ ފަރާތްތައް ދެނެގަތުމާއި ސްޕޭމް ކޯލްތަކުން ރައްކާތެރިކަން ފޯރުކޮށްދީ، މީހުންގެ މުއާމަލާތްތައް އިތުރު އިތުބާރާއެކު ކުރިއަށްގެންދިއުމަށް އެހީތެރިވެދެވޭނެ ކަމަށެވެ.

ޓްރޫކޯލާ ޕްރީމިއަމްގެ ޚިދުމަތް އުރީދޫ ކަސްޓަމަރުންނަށް ލިބޭނީ މަހަކު 150 ރުފިޔާ އަށެވެ. މި ޚިދުމަތުގެ ފީ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ބިލަށް އިތުރުކުރެވޭއިރު، ޕްރީޕެއިޑް ކަސްޓަމަރުންގެ ކްރެޑިޓުން ސީދާ އުނިކުރެވޭނެއެވެ. މި ޚިދުމަތަށް ސަބްސްކްރައިބް ކުރުމަށް އުރީދޫ އެޕްގެ 'ހޮޅުއަށި' ސެކްޝަނަށް ގޮސް 'ޓްރޫކޯލާ ޕްރީމިއަމް' އިޚްތިޔާރު ކުރެވޭނެއެވެ. ނުވަތަ ore.do/holhuashi ލިންކަށް ޒިޔާރަތްކޮށްގެންވެސް ސަބްސްކްރައިބް ކުރެވޭނެއެވެ.

ޓްރޫކޯލާއާއެކު އުރީދޫ މޯލްޑިވްސްއިން މި ފެށި ޚިދުމަތަކީ އެ ކުންފުނީގެ 'ހޮޅުއަށި' ޕްލެޓްފޯމް ފުޅާކޮށް، ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ މައި މަރުކަޒަށް ހެދުމަށް ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ. މިއީ އީޖާދީ އަދި ރައްކާތެރި ޑިޖިޓަލް ތަޖުރިބާތަކެއް މެދުވެރިކޮށް 'ޑިޖިޓަލް މޯލްޑިވްސް' އެއް ބިނާކުރުމަށް އުރީދޫއިން ގެންގުޅޭ ތަޞައްވުރަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

މިއަދު އޮންލައިން