ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހު މަޖިލީހަށް ބަލައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 41ސ
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހު މަޖިލީހަށް ބަލައިގެންފި

ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ޤާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ. މި ބިލަކީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ބާރުތަކަށް ބަދަލުތަކެއް އަންނާނެ އިސްލާހެކެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އަށް މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރެވެ. މިއީ އެ މެންބަރު އަމިއްލަގޮތުން މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.

ބިލު ހުށަހެޅުއްވި ސަބަބާ ގުޅޭގޮތުން މެންބަރު ޢަބްދުލްޙަންނާނު ވިދާޅުވީ، "ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުން ކުރުން" މިއީ މި އިސްލާހުގެ މައިގަނޑު މަގްސަދު ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތުތައް ހަރުދަނާކުރުމަކީވެސް މި ބިލުގެ މަގްސަދެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި އިސްލާހުގައި ޤާނޫނަށް އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫޢުތައް ހިންގުމުގެ ބޭނުމުގައި އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި މިގޮތަށް ބޭނުންވާ ބިމާއި ތަންތަން އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް، އަމަލުކުރުމަށް ފެށުމުގެ ކުރިންވެސް ސަރުކާރަށް ނެގޭނެ ކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. މިއީ މަޝްރޫޢުތައް ފެށުމުގައި ދިމާވާ އިދާރީ ހުރަސްތައް ނައްތާލުމަށް ހުށަހެޅި ބަދަލެކެވެ.

މި ބިލު މަޖިލީހަށް ބަލައިގަތުމާއެކު، ދެން ކުރިއަށްދާނީ ބިލު ދިރާސާކުރުމަށް ކަމާގުޅޭ ކޮމިޓީއަށް ފޮނުވުމުގެ މަރުހަލާއެވެ. ކޮމިޓީ މަރުހަލާގައި ބިލަށް އިތުރު ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

މިއަދު އޮންލައިން