ކުރީގެ ސަރުކާރުން ސިއްޙީ ދާއިރާގެ ތަރައްޤީއަށް ފެށި ގިނަ އަދަދެއްގެ މަޝްރޫއުތަކެއްގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުގެ ސަބަބުން، އޭގެ ތެރެއިން 16 މަޝްރޫއެއްގެ ކޮންޓްރެކްޓް ބާތިލުކޮށްފައިވާ ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު ޤީލާ ވިދާޅުވީ ކުރީ ސަރުކާރުގައި މި މަޝްރޫއުތައް އެކި ކޮންޓްރެކްޓަރުންނާ ހަވާލުކޮށް، އެޑްވާންސް ފައިސާގެ ގޮތުގައި 60 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ މަސައްކަތްތައް ނުފެށި ދިގުލައިގެން ދިއުމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ސިއްޙީ ޚިދުމަތުގެ ގިނަ އަދަދެއްގެ ޕްރޮޖެކްޓުތަކެއް ވަނީ ބާތިލުކުރަންޖެހިފައި. 60 މިލިޔަނަށްވުރެ ގިނަ ފައިސާ އިސްރާފުވެފައިވަނީ މިގޮތަށް އެތައް ބަޔަކާ ހަވާލުކުރެވިފައި. އެހެންނަމަވެސް އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ޤާނޫނީގޮތުން އެ ފައިސާ ހޯދުމަށާއި އަދި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ކުރިއަށްގެންދެވޭނެ ގޮތްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދަނީ އެކަމަށް ބޭނުންވާ ފައިސާގެ އިންތިޒާމުތައް ފުރިހަމައަށް ހަމަޖެހުމުން ކަމަށްވެސް ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރަށްރަށުގެ ސިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމާއި ލެބޯޓްރީތައް ޤާއިމުކުރުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ސިއްޙީ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުން ކަމަށްވެސް ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.